ހައުސިން މިނިސްޓްރީ އުވައިލައްވައި ކެބިނެޓުގެ ޕޯޓްފޯލިއޯތަކށް ރައީސް މުއިއްޒު ބަދަލުތަކެއް ގެންނަވައިފި އެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު އުވައިލައްވައި، ވަޒީރުންގެ މަޖިލީހުގެ ޕޯޓްފޯލިއޯތަކަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންނަވައިފި އެވެ.
ހައުސިން މިނިސްޓްރީ އުވައިލެއްވުމަށްފަހު ރައީސްވަނީ އެ މިނިސްޓްރީގެ ދަށުން ކުރަމުން އައި ބައެއް މަސައްކަތްތައް އެހެނިހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކުރައްވައި އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ބަދަލުގެންނަވާފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޕްލޭނިންގެ މަސައްކަތްތައް މިނިސްޓްރީގެ އޮފް ފިނޭންސްގެ ދަށަށް ބަދަލުކުރައްވާފައިވެ އެވެ.
މި ބަދަލާއެކު ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކުރައްވާފައިވެ އެވެ. އެ މިނިސްޓްރީގެ ވަޒީރަކަަށް ހުންނަވާނީ މިހާރުވެސް އެ މަގާމުގައި ހުންނެވި މޫސާ ޒަަމީރެވެ.
އުވައިލެއްވި މިނިސްޓްރީގެ ދަށުން ކުރަމުންއައި ގެދޮރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައާ އެޑިއުކޭޝަން ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާއަށް ބަދަލުކުރެއްވި އެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކީ ޑރ.އަބްދުﷲ މުއްތަލިބެވެ.
ހައުސިން މިނިސްޓްރީ އުވައިލެއްވުމާއެކު އެ ވުޒާރާގެ މިނިސްޓަރުކަމުގައި މިހާތަނަށް ހުންނެވި ޑރ.އަލީ ހައިދަރު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާގެ މަގާމަށް އައްޔަންކުރައްވައި، އެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ.މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް ރައީސްވަނީ ބަދަލުކުރައްވާފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ވަޒީރުކަމަށް ފުރަތަމަ އައްޔަންކުރެއްވި ޑރ.ރަމީލާވަނީ އާލާސްކަންފުޅާ އުޅުއްވާތީ އެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓްރީ އުވައިލެއްވިއިރު އެ މިނިސްޓްރީއަކީ މި ސަރުކާރުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް މިނިސްޓްރީ އެވެ. ހާއްސަކޮށް ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނުނުކުރެވި ލަސްވަމުންދާތީ މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.