ރާއްޖެއަށް މި އަހަރު އައި ދެ މިލިއަންވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބުނީ ފިރިމީހާއާއި ދެ ދަރިންނާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އޮސްޓްރިއާ އަންހެނަކަށެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަަރަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފި އެވެ. މިއީ އެއް އަހަރު ތެރޭ ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
ރާއްޖެއަށް މި އަހަރު އައި ދެ މިލިއަންވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބުނީ ފިރިމީހާއާއި ދެ ދަރިންނާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އޮސްޓްރިއާ އަންހެނަކަށެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި އޭނާއަަށް ހާއްސަ މަރުހަބާއެއް ކިޔާފައިވެ އެވެ.
މިއަދު އެއާޕޯޓުގައި އޮތް ރަސްމިއްޔާތުގައި އޭނާއާއި އޭނާގެ އާއިލާއަށް ސާއި ލެގޫން ރިސޯޓުގައި ހަ ދުވަހުގެ ޗުއްޓީ ޕެކޭޖެއްގެ އިތުރަށް، އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީއާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާއްސަ ހަދިޔާއެއް ދީފައިވެ އެވެ.
އޭނާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަަލާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އަދި އެމްއެމްޕީއާރުސީގެ އެމްޑީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފާއިތުވި އަހަރު ރާއްޖެއަށް އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.