ސުނާމީ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ރާޅުގެ އަސަރު ކޮށްފައިވެ އެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައިވެ އެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފި އެވެ.
ސުނާމީގެ ރާޅު ރާއްޖެއަށް އެރިކަމަށް ރެކޯޑު ކުރެވިފައި ވަނީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26، 2004 ވަނަ ދުވަހު 9:23 ހާއިރު އެވެ. ހެނދުނު ހަމަހިމޭންކަމުގެ ސުކޫތުކޮޅު ކުރިއަށް ގެންގޮސްފައި ވަނީ ސީދާ އެ ވަގުތު އެވެ.
ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަމަހިމޭންކަމުގެ މި ސުކޫތުކޮޅުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް ބޭރަށް ނުކުމެ މި ސުކޫތުކޮޅުގައި ވަނީ ބައިވެރިވެފަ އެވެ.
ސުނާމީ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ރާޅުގެ އަސަރު ކޮށްފައިވެ އެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައިވެ އެވެ.
އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.