ފުލުހުން ބުނީ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްގެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފަހައްޓާފައިވާ ކަމަަށެވެ.
އޮޅުވާލައިގެން ހުޅުމާލެއިން ގޯއްޗެއް ހޯއްދެވި ކަމުގެ ތުހުމަތު އޮތް އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ފަޒީލު ރަޝީދުގެ ފޯނު ހިފަހައްޓައިފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްގެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފަހައްޓާފައިވާ ކަމަަށެވެ.
ފަޒުލްގެ ފޯނު ހިފަހައްޓާފައިވާއިރު އޭނާގެ ބޭބެ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭގެ ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވެސް ވަނީ ފުލުހުންގެ ދަށަށް ގެނެސްފައެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.
ފަޒުލްއަށް ތުހުމަތު ކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކެއް އުސޫލުން ބޭރުން އަމިއްލަ މަސްލަހަތު އޮންނަ ފަރާތްތަކަކަށް ވިއްކި މައްސަލަ އެވެ. އޭނާ ވަނީ ތުހުމަތުތައް ދޮގު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ފަޒުލް އިސްތިއުފާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީފުޅު ސޯޝަލް މީޑިޔާ ޕްލެޓުފޯމުތަކުގައި ހިއްސާކުރައްވާފައިވެ އެވެ. އެ ސިޓީތަކުގައި އޭނާ ވިދާޅުވެފައި ވަނީ އެކި ގޮތްގޮތަށް ސޯޝަލް މީޑިޔާގެ މަންސަތަކުގައި އޭނާއާ ގުޅުވައިގެން ފަތުރަމުންދާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.
އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި، ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ބިންވެރިޔާއާ ގުޅިގެން ކުންފުންޏަށް ކުރާ ވަގަށް ބިން ވިއްކިކަމުގެ ތުހުމަތުތަކަކީ އެއްވެސް ގޮތަކުން އެޗްޑީސީއާ ގުޅުމެއް ހުރި ތުހުމަތުތަކެއް ނޫންކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަވުން ދާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު، ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.