"އެންސްޕާއަށް އޮފީހެއް ހޯދަން އިއުލާންކޮށް އެކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރީ ޓެންޑަރ ބޯޑުން. އެއީ އެންސްޕާގެ ސީއީއޯ ހީނާ އިސްވެ ހުންނަވާ ކުރެއްވި ކަމެއް ނޫން.،" އަޒާން ވިދާޅުވެފައިވެ އެވެ.
ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމުގެ މުއާމަލާތް ހިންގީ ފިނޭންސް މިނިސްޓްރީންކަމަށާއި، އެކަމުގައި އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ އެއްވަސް ބައިވެރިވުމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ޓެންޑާ ބޯޑުންވަނީ އެންސްޕާގެ އޮފީސް ހިންގަން ތަނެއް ކުއްޔަށް ހިފުމަށް އިއުލާނުކޮށްފަ އެވެ. އަދި އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިޔާ ހައުސް ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރި އެވެ.
މޯލްޑިވްސް މީޑިޔާ ހައުސްއަކީ މީގެ މަހެއްހައި ދުވަސް ކުރިން ފެށި އެމްއެމްޓީވީ ހިންގާ ކުންފުންޏެވެ. ވަރަށް ގިނަ ފަރާތްތަކުން އެ މުއާމަލާތުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހީނާގެ އިސްތިއުފާއަށް އަންނަނީ ގޮވައިލަމުންނެވެ.
ނަމަވެސް އެތަން ކުއްޔަށް ނެގުމުގެ މުއާމަލާތް ހިންގާފައިވަނީ މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓްރީންނެވެ. ބީލަމަށް ހުޅުވައިލުމާއި، ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްބަސްވުން ގާއިމުކުރާނެ ކުންފުންޏެއް އިހުތިޔާރުކުރުމާއި އެއްބަސްވުން ހެދުން ފަދަ ހުރިހާ މުއާމަލާތެއް ހިންގާފައިވަނީ ފިނޭންސް މިނިސްޓްރީންނެވެ.
އެކަމާ ގުޅިގެން އަޒާނުވެސް ފާހަގަކުރެއްވީ މިހާރު އެންސްޕާ ހިންގާ އިމާރާތުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، ތަނެއް ހޯދައިދޭން އެދުމުން، އެކަން ކުރިއަށްގެންދަޔައީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި އެ ތަން ކުއްޔަށް ނެގުމަށް ހެދި އެއްބަސްވުމުގެ ދަށުން ދައުލަތަށް އެއްވެސް ފައިސާއެއް ނުގެއްލޭކަމަށާއި، ތަން ކުއްޔަށް ނެގުމަށް ދެއްކި އެޑްވާންސް ފައިސާ އެއްބަސްވުން ބާތިލުކުރުމާއެކު އަނބުރާ ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެންސްޕާއަށް އޮފީހެއް ހޯދަން އިއުލާންކޮށް އެކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރީ ޓެންޑަރ ބޯޑުން. އެއީ އެންސްޕާގެ ސީއީއޯ ހީނާ އިސްވެ ހުންނަވާ ކުރެއްވި ކަމެއް ނޫން.،" އަޒާން ވިދާޅުވެފައިވެ އެވެ.
އަޒާން އިތުރަށް ފާހަގަކުރެއްވީ އެ އެއްބަސްވުން ގާއިމުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިންގާފައި އޮތްކަން ނުވަތަަ ނޫންކަން ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާރުވެސް ތަހުގީގެއް ހިންގަމުންދާ ކަމެވެ. އަދި އެ ތަހުގީގުން ކަމެއް ފާހަގަވެއްޖެނަމަ އެކަމެއްގައި ޒިންމާވާންޖެހޭ ބަޔަކަށް ސަރުކާރުން ފިޔަވަޅުއަޅާނެ ކަމުގައި އަޒާން ވިދާޅުވި އެވެ.
އަޒާން އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ކުރީގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ އާސަންދަ އިމާރާތް އެޅުމަށް ކަމަށް ބުނެ ދިން ނަމަވެސް އެ ފައިސާ ނަގައިގެން އެ އިމާރާތް އެޅުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާ ކަމަށެވެ.
"މި ފައިސާކޮޅު ވަގަށް ނުނަގާ އޮފީހެއް އެޅިނަމަ އެންސްޕާއިން މިއަދު އޮފީހެއް ކުއްޔަށް ހޯދަންނުޖެހުނީސް،" މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރުގެ ކުންފުންޏާއެކު އެއިރުގެ ސަރުކާރުން ހިންގާފައި އޮތް މުއާމަލާތަށް އިޝާރާތްކުރައްވައި އަޒާން ވިދާޅުވި އެވެ.