މިއަދު އެޗްޑީސީގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށްވަނީ ނިންމާފަ އެވެ.
އެޗްޑީސީއަށް އަމާޒުވެފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ ވަޒީފާއިން ވަކިކުރި 15 މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމަށްފަހު އެމީހުން ސަސްޕެންޝަނުގައި ބައިތިއްބަން ނިންމައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ނުލިބޭ ބަޔަކަަށް ބިންވެރިޔާ ސްކީމުގެ ނަމުގައި ހުޅުމާލެއިން ގިނަ އަދަދެއްގެ ގޯތިތަކެއް ވިއްކިކަމުގެ ތުހުމަތުގައި ފުލުހުންގެ ހިދުމަތުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން އެޗްޑީސީން އެ ކުންފުނީގެ 15 މުވައްޒަފަކު ވަކިކުރީ ފާއިތުވި ހަފުތާގަ އެވެ.
އެ މުވައްޒަފުން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ނާސިފް ދީދީ އެވެ. ގިނަ ބަަޔަކުވަނީ އެމަގާމަކީ ކުންފުނީގެ ހިންގުމުގެ އަމަލީ މަސައްކަތްތަކާ އެއްވެސް ގުޅުމެއް އޮތް މަގާމެއް ނޫންކަމާއި މުވައްޒަފުން ވަކިކުރިކަން އެންގުމުގެ ބާރު ޗެއާމަނަށް ނޯންނާނެކަން ފާހަގަކޮށް އޭނާއަށް ފާޑުކިޔާފަ އެވެ.
"މިރާ"އަށް އެނގިފައިވާ ގޮތުގައި ތަހުގީގުގައި ފުލުހުން ސުވާލުކުރަން ގަސްތުކުރާ އަދި ތުހުމަތުކުރެވޭ މުވައްޒަފުންގެ ލިސްޓު ފޮނުވުމުން އެ ކުންފުނިން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއިން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ފުލުހުން އެދިފައިނުވެ އެވެ.
މިއަދު އެޗްޑީސީގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށްވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ކުންފުނީގެ އެންމެ މުހިއްމު މަގާމުތަކުގެ ތެރޭގައި ހިމެނޭ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޗީފް ބިޒްނަސް އޮފިސަރު ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ސަަސްޕެންޑުކޮށްފައި އޮތް އެޗްޑީސީގެ ބޯޑުގެ ސަސްޕެންޝަން އިއްޔެ ޕީސީބީންވަނީ އުވައިލާފަ އެވެ. އެއީ އެ ކުންފުނި ހިންގެވުމަށް މުޅިން އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީކަމަށް އެ ބޯޑުން ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫނުކުރާ ގޯތިތަކެއް ސައްހަ ނޫން ލިޔެކިޔުން އުފައްދައިގެން ހުޅުމާލެއިން ދޫކުރިކަމަށް ތުހުމަތުވާ މައްސަލާގައި ބޯޑާއެކު ސަސްޕެންޑުކޮށްފައި ހުންނަވަނިކޮށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވާފައިވެ އެވެ.
އޭނާ އިސްތިއުފާދެއްވުމާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓާކަމަށް ދެން އައްޔަންކުރައްވާފައިވަނީ ކުރީގެ ޕްލޭނިން މިނިސްޓަރު މައުރޫފު ޖަމީލެވެ.