މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިހާދު ދެއްކެވި ވާހަކަފުޅަކީ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅެއްކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވާ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ނިހާދު ވެރިކަންކުރާ ޕީއެންސީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުން ބަރީއަވުމާއެކު، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިހާދުވަނީ އެމްޑީޕީ އަޑީގައި އޮވެގެން މާލެ އަތޮޅުގެ ބައެއް ރިސޯޓުތަކަށް އެތަންތަނުގެ ހުއްދައާނުލައި އަރައިގަނެ ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމަށް ވިދާޅުވެ އެ އަމަލަކީ ޓެރަރިޒަމުގެ އަމަލެއްކަމަށް ސިފަކުރައްވާފަ އެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ނިހާދު ސަސްޕެންޑުކޮށްފައިވެ އެވެ. އަދި ޕީއެންސީންވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަމްއިއްޔާއަކުންވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވެދާނެ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އުނިކަމެއް ލިބިދާނެ ކަމެއް ނުކުރާނެކަމަށް ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިހާދު ދެއްކެވި ވާހަކަފުޅަކީ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅެއްކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވާ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ޒިޔާރަތްކުރާ އެންމެނަށް މަރުހަބާ ކިޔާ ރައްކާތެރި މަންޒިލެއްކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވެ އެވެ.
އަދި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުވުމާ ކައިރިއަށް އާދެވިފައިވާ މިދަނޑިވަޅުގައި، ހުރިހާ ފަތުރުވެރިންނަށް ރައްކާތެރި އަދި ހިތްހަމަޖެހޭ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ ކަމުގައި އެ މިނިސްޓްރީން ބުންޏެވެ. އަދި ދެ މިލިއަން ފަތުރުވެރިން ހަމަވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ އެތައް މިލިއަން ދަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރި އެވެ.
އަދި މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި މުހިއްމު ރެކޯޑުތަކެއް ހަދާފައިވާ އަހަރެއްކަން މިނިސްޓްރީން ފާހަގަކުރި އެވެ. އެގޮތުން ފެބްރުއަރީ 10 ގައި 10،213 ފަތުރުވެރިން ރާއްޖެއަށް އައިސް އެއް ދުވަހެއްގައި އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު ގާއިމުކުރެވުނުކަން ފާހަގަކުރި އެވެ. އަދި ފެބްރުއަރީ މަހު 217،392 ފަތުރުވެރިން އައިސްފައިވާތީ، އެ މަހަކީ މިހާތަނަށް ރާއްޖެއަށް އެއް މަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައި މަސްކަންވެސް ފާހަގަކޮށްފައިވެ އެވެ.
އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ސިނާއަތުގެ ހިއްސާދާރުންނާއެކު ކުރަމުންދާ މަސައްކަތްތަކުން ދަތުރުވެރިންނަށް ރައްކާތެރި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޝުހުރަތު ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.