މޯލްޑިވިއަންގެ ޑީއެމްޑީގެ މަގާމުން ޖެނިފާ ވަކިކުރީ އަދުލުވެރި އިޖުރާއާތުން ބޭރުންކަމަށް ނިންމައި އޭނާއަށް ވަޒީފާ އިއާދަކުރަން ޓްރައިބިއުނަލުން ނިންމި ނިންމުމަށް އަމުލުކުރުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފައިވެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ މެނޭޖިން ޑިރެކްޓާ އާއިޝަތު ޖެނިފާއަށް އެ މަގާމު އިއާދަކޮށްދީ ވަޒީފާއިން ވަކިކޮށްފައި ހުރިކަމަށް ބެލި މަސްތަކުގެ މުސާރަ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުނުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މި މައްސަލާގައި އައިލެންޑް އޭވިއޭޝަނުން އެދުނު ގޮތަށް ވަގުތީ އަމުރެއް ނުނެރެއްޖެނަމަ އެ ކުންފުނިން ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުކޮށް ހުށަހެޅި މައްސަލާގައި ކަނޑައަޅާ ނިޔާއެއްގެ މަގުސަދު ހާސިލުނުވާނެ ހާލަތެއް އުފަންވެދާނެ ކަމށެވެ.
އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ ޓްރައިބިއުނަލުގެ ނިންމުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައިކޯޓުން އެނޫން ގޮތަކަށް އަންގަންދެން ޓްރައިބިއުނަލުން މި މައްސަލާގައި ނިންމާފައިވާ ނިންމުން ތަންފީޒުކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކުރީ ބޯޑަށް ވަޒީފާތައް އުފައްދައި އެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ އިހުތިޔާރު ގަވާއިދުން ލިބުނު ނަމވެސް އެފަދައިން އުފައްދާ ވަޒީފާތަކުން މީހުން ވަކިކުރަންޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންވަނީ ގާނޫނުގައި ވަޒީފާއިން މުވައްޒަފަކު ވަކިކުރެވޭނެ ހާލަތްތަކާއި އެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތަށް އަލިއަޅުވައިލާ އެ މައްސަލާގައި އެ ގޮތަށް ބޯޑުން އަމަލުކޮށްފައިވޭތޯ ބަލާފަ އެވެ.
އެއިން އެއްވެސް ކަމެއް ފުރިހަމަނުވާކަން ފާހަގަކޮށް ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވާ ކަމަށެވެ. އަދި އެ ހާލަތުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރިތޯ ބަލަންނުޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ.
ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ އަދާކުރަމުން އައި މަގާމަށް އަނބުރާ ރުޖޫއަކުރުމަށްފަހު އޭނާއަކީ ވަޒީފާއިން ވަކިކުރި މީހެއްކަމަށް ނުބަލައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ޓްރައިބިއުނަލުން ނިންމުމާ ހަމައަށް ހޭދަވި މުއްދަތަށް ވަޒީފާގައި ދެމިހުރިނަމަ ހައްގުވާ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށވެ.
އޭގެ އިތުރަށް ގާނޫނާ ހިލާފަށް ޖެނިފާ ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ އަދާކުރި ވަޒީފާގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލެބެމުންދިޔަ 56،171 ރުފިޔާގެ ނިސްބަތުން އެއް މަހަށްވާ ފައިސާވެސް ނަގައިދިނުމަށް ކަނޑައަޅާފައިވެ އެވެ.