މަސްވެރިކަމަށް ބޮޑު ހީނަރުކަމެއް؛ އުފެއްދުންތެރިކަން %50 ދަށަށް

މަސް ކިރުވި މިންވަރާއި، މަހުގެ އެކްސްޕޯޓުވެސް ދަށްވުމާއެކު، މަސްވެރިކަމުގެ އުފެއްދުންތެރިކަން ނިމުނު އަހަރުގެ ތިންވަނަ ކުއާޓާއަށްވުރެ 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަސްވެރިކަން ދަށްވެ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓްރޭޑް ޑެފިސިޓަށް އަންނަނީ ކުރަމުން

މި އަހަރުގެ ތިންވަނަ ކުއާޓާގައި މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން %50 ދަށަށް ގޮސްފައިވާކަން މަރުކަޒީ ބޭންކުން އެމްއެމްއޭއިން ހާމަކޮށްފި އެވެ. 

އެ އިދާރާއިން ކޮންމެ ކުއާޓާއެއް ނިމުމުން ޝާއިއުކުރާ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދުގައި ހިއްސާކުރާ މައިގަނޑު ސިނާއަތްތަކުގެ ތެރެއިން މަސްވެރިކަން ފިޔަވައި ހުރިހާ ސިނާއަތެއްވެސް މި އަހަރުގެ ތިންވަނަ ކުއާޓާގައި ނިމުނު އަހަރުގެ އެ މުއްދަތަށްވުރެ ކުރިއަރާފައިވެ އެވެ. 

ޖުމްލަކޮށް މި އަހަރުގެ ތިންވަނަ ކުއާޓާގައި އިގުތިސާދުވަނީ ފުޅާވެފަ އެވެ. އެގޮތުން ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތަ އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ޖީޑީޕީ އިތުރުވުމަށް މެދުވެރިވި މައިގަަނޑު ސަބަބަކީ ސަރުކާރުގެ ނުވަތަ އާންމު ހިންގުމުގެ ދާއިރާގެ ހަރަދުތައް އިތުރުވެ ފުޅާވުމެވެެ. 

ނަމަވެސް ފަތުރުވެރިކަމާއި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓާއި މުވާސަލާތާއި ދަތުރުފަތުރާއި ރިޓެއިލް ވިޔަފާރީގެ ދާއިރާތައްވެސް މި އަހަރުގެ ތިންވަނަ ކުއާގައި ކުރިއަރާފައިވެ އެވެ. 

އިގުތިސާދުގެ މައިގަނޑު ދާއިރާތަކުގެ ތެރެއިން ހަމައެކަނި ފަހަތަށް ދިޔަ ދާއިރާއަކީ މަސްވެރިކަމެވެ. އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މަސްވެރިކަމުގެ ސިނާއަތުގެ ހަރަކާތްތައް، ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި 44.9 އިންސައްތަ ދަށްވި އެވެ. 

އޭގެ އިތުރަށް މަސްވެރިކަމުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ވެލިއު އެޑެޑްވެސް ފާއިތުވި އަހަރާ އަޅާކިޔާއިރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މަސް ކިރުވި މިންވަރާއި، މަހުގެ އެކްސްޕޯޓުވެސް ދަށްވުމާއެކު، މަސްވެރިކަމުގެ އުފެއްދުންތެރިކަން ނިމުނު އަހަރުގެ ތިންވަނަ ކުއާޓާއަށްވުރެ 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. 

މި އަހަރުގެ ތިންވަނަ ކުއާޓާގައި މަސް ކުންފުނިތަކުން ގަނެފައިވަނީ ނުވަތަ ކިރުވާފައިވަނީ ޖުމްލަ 5،662 މެޓްރިކް ޓަނުގެ މަހެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 6،403.2 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. މިއީ ނިމުނު އަހަރާ އަޅާބަލާއިރު %53 ގެ ދަށްވުމެކެވެ. 

ކުންފުނިތަކުން މަސް ގަތް މިންވަރު ދަށްވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކަޅުބިލަމަސް ގަނެފައިވާ މިންވަރު މަދުވުމެވެ. ކަޅުބިލަމަސް ކިރުވި މިންވަރު %63 ދަށަށްދިޔައިރު ބޮޑުކަންނެލި ކިރުވި މިންވަރުވެސް މަދުވެފައިވެ އެވެ. ނިމުނު އަހަރަށްވުރެ މި އަހަރު ބޮޑުކަންނެލި ކިރުވި މިންވަރު 26 އިންސައްތަ ދަށެވެ. 

މި އަހަރަކީ މިފަހުގެ ތާރީހުގައިވެސް ރާއްޖޭގެ މަސްވެރިކަން އެންމެ ހީނަރުވެފައި އޮތް އަހަރެވެ. މަސްވެރިން މަސް ކިރުވާ މިންވަރު މަދުވެފައިވާއިރު، މަސް ބޭނޭ މިންވަރުވެސް ކުރީ އަހަރުތަކަށްވުރެ މަދެވެ. މަސް ބޭނޭ މިންވަރު މަދުވުމަށް މެދުވެރިވި މައިގަނޑު ސަބަބެއްކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރަނީ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އިތުރުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.