މަސްތުވާކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރު ގަބޫލުނުކުރާކަމަށް ބުނެ، ހުތުރު ބަހުން މުއާމަލާތްކުރި މީހަކު ދެ މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުމްކޮށްފި އެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ ގަބޫލުނުކުރާކަމަށް ބުނެ މުއްދަތު މަޖިލީހުގައި ގާޒީއާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކުރި މީހަކު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ދެ ދުވަހަށް ޖަލަށްލަން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަަރުކުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާއިރު ގާޒީވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފަ އެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކުރި ގޮތުގައި މި މީހާއަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރުމުގެ ރެކޯޑެއް އޮތް މީހެކެވެ. ނަމަވެސް މީގެ ކުރިން އޭނާ ހައްޔަރުކުރީ ކިތައް ފަހަރުކަމެއް އަދި ބަންދުގައި ބެހެއްޓި އަދަދެއްވެސް އަމުރުގައި ބަޔާންކޮށްފައި ނެތެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އޭނާއަކީ ކާކުކަން ބުނެދިނުމަށް ޝަރީއަތުން އެންގުމުން އޭނާއަކީ ކާކުކަން ބުނެދިނުމަށް އިންކާރުކޮށްފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ އެ ޝަރީއަތުގެ މަޖިލީހުގައި އިންނެވި ގާޒީއަކީ އޭނާ ގަބޫލުކުރާ ފަނޑިޔާރެއް ނޫންކަމަށް ބުނެ ތަކުރާރުކޮށް އެ އަޑުއެހުމުގައި އޭނާ ވާހަކަދެއްކުމުން، އެފަދައިން އަމަލުނުކުރުމަށް ތަކުރާރުކޮށް ގާޒީ ނަސޭހަތްތެރިވި އެވެ.
ފަނޑިޔާރަކީ ގަބޫލުކުރާ ބޭފުޅެއް ނޫންކަމަށް ބުނެ ވާހަކަނުދެއްކުމަށް ޝަރީއަތުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް ހުއްޓާނުލައި ފަނޑިޔާރު ބަލައިނުގަންނަކަމަށް ބުނެ އޭނާ ދިޔައީ ވާހަކަދައްކަަމުންނެވެ. އެންމެ ފަހުން ފަނޑިޔާރު ނިންމެވީ ޝަރީއަތުގެ ނިޒާމާ ހިލާފުވިކަމަށް ކަނޑައަޅުއްވައި އެއް މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެއްވުމަށެވެ.
އެއަށްފަހު ތުހުމަތާ ގުޅިގެން ވާހަކަދެއްކުމަށް އޭނާއަށް ފަނޑިޔާރު ފުރުސަތު ދެއްވުމުން ތުހުމަތުތަކަށް އެއްޗެއް ނުބުނެ، ފަނޑިޔާރު ގަބޫލުނުކުރާކަމަށް ބުނެ ހަޑިހުތުރުބަހުން އޭނާ ފަނޑިޔާރާ މުހާތަބުކޮށް ވާހަކަދައްކަފައިވާކަމަށް އަމުރުގައި ބުނެފައިވެ އެވެ.
އަނެއްކާވެސް ޝަރީއަތުގެ ނިޒާމާ ހިލާފުވިކަމަށް ކަނޑައަޅައި ކޯޓުތަކުގެ ގާނޫނުގެ ދަށުން އިތުރު އެއް މަސްދުވަހަށް އޭނާ ޖަލަށްލުމަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އާއިޝަތު ނުޒުހާވަނީ ހުކުމްކުރައްވާފަ އެވެ.