އީރާނު ރައްޔިތުންނަށް މިހާތަނަށް މަނާކޮށްފަައި ހުރި ގިނަ ކަންތައްތަކެއްގަައި ލުއިތަކެއް ދިނުމަށް އެ ގައުމުގެ އިސްލާހީ ސަރުކާރުން ނިންމާފައިވާއިރު، އިންޓަނެޓު ބޭނުންކުރުމުގައި ހުރި ހުރަސްތައް ނައްތައިލުމަށް ދަނީ މަސައްކަތްކުރަމުން
އީރާނުގެ 85 މިލިއަން މީހުންނަށް އިންޓަނެޓު ބޭނުންކުރުމުގައި މިހާރު ހުރި ހުރަސްތައް ނައްތައިލުމަށް، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ އިސްލާހީ ސަަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެ ގައުމުގައި ވަޓްސްއަޕް އަދި ގޫގްލް ޕްލޭ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.
އީރާނުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސަރުކާރުގެ މަތީ ފަންތީގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި ހަރުކަށި ވިސްނުމުގެ ގިނަ މަސްއޫލުވެރިންގެ ދެކޮޅުހެއްދެވުމާއެކުވެސް އީރާނުގައި ވަޓްސްއަޕް އަދި ގޫގުލް ޕްލޭ ބޭނުންކުރަން ހުއްދަދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަމަލުކުރަންވަަނީ ފާސްކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ މިނިސްޓާ އޮފް ޓެލެކޮމިއުނިކޭޝަންސް ސައްތާރް ހާޝިމީ ވިދާޅުވީ މިއަދު ބައެއް ހިފަހެއްޓުންތައް އުވައިލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ އެއްބަައިވަންތަކަން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށެވެ. އަދި އެމަގުން މުސްތަގުބަލުގައިވެސް ކަންކަން ކުރިއަށްގެންދަވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ޕެޒެޝްކިންގެ މި ނިންމެވުމުގެ ކުރިން އީރާނުގެ މަސްރަހުން ފާހަގަކުރެވުނު އެއްކަމަކީ އެ ގައުމުގެ ބަރުލަމާނުން ބުރުގާއާ ގުޅިގެން ފާސްކުރި ގާނޫނަކަށް އަމަލުކުރެއްވުމާ އެމަނިކުފާނު ދެކޮޅުހެއްދެވުމެވެ. މި ގާނޫނަކީ ބުރުގާ ނާޅާ އަންހެނުންނަށް މިހާރަށްވުރެ ހަރުކަށި އަދަބުތަކެއް ދިނުމަށް މަގުފަހިކުރާނެ ގާނޫނެކެވެ.
އޭގެ އިތުރަށް އެމަނިކުފާނުގެ ސަރުކާރުންވަނީ ކުރިން ޔުނިވަސިޓީތަކުގައި ކިޔެވުން މަނާކޮށްފައިވާ ބައެއް ދަރިވަރުންނާއި ކިޔަވައިދިނުމުން އެކަހެރިކޮށްފައި ތިބި ބައެއް ޕްރޮފެސަރުންނަށް އަލުން އުނގެނި އުނގަންނައިދިނުމުގެ ހުއްދަ ދީފަ އެވެ.
އީރާނުގެ މުހިއްމު ސިޔާސީ ބައިވެރިއެެއްކަމަށްވާ ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމާއެކު އީރާނަށް ބޭރުންނާއި އެތެރެއިން ކުރަމަތިވަމުން އަަންނަ އިގުތިސާދީ ސިޔާސީ އަދި އިޖުތިމާއީ ފިއްތުންތައް އިހުނަށްވުރެ އިތުރުވެފައިވެ އެވެ.
އެތެރެއިންނާއި ބޭރުން ގިނަ ފިއްތުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެ ގައުމުގެ ސަރުކާރުން އިހުތިޔާރުކުރާނީ އިތުރު ހިފަހެއްޓުންތަކާއި ހަރުކަށި ފިޔަވަޅުތައްތޯ ނުވަތަ އިސްލާހީ ފިޔަވަޅުތަކެއް އަޅައި ރައްޔިތުންނަށް ލުއިވާނެ ފަދަ ނިންމުންތަކެއް ނިންމުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
ޖުލައި މަހުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެެއްވި ޕެޒެޝްކިންގެ ކެމްޕެއިނުގައި ސިޔާސީ އަދި އިޖުތުމާއީ އިސްލާހުތަކެއް ގެންނެވުމަށް ވައުދުވެވަޑައިގެންފައިވެ އެވެ. ހާއްސަކޮށް އަންހެނުންގެ ހެދުމާ އެޅުމާ ގުޅޭ ހިފަހެއްޓުންތަކާއި އިންޓަނެޓު ބޭނުންކުރުމުގައި ހުންނަ ހުރަސްތައް ނައްތަވައިލެއްވުމަށް އެމަނިކުފާނުގެ ކެމްޕެއިނުގައި ބޮޑު ސަމާލުކަމެއް ދެއްވި އެވެ.