ފުލުހުން މިއަދު ބުނީ އެ މީހުންގެ މައްޗަށް ދައުވާ ކުރަން މިހާރު ފޮނުވާފައިވާ ކަމަށެވެ. ދައުވާ ކުރަން ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ހިޔާ ފްލެޓެެއް ގައި މީހަކު ރަހީނުކުުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
މީހަކު ރަހީނު ކުރުމުގެ މި ހާދިސާ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ގުޅެނީ ފައިސާގެ މުއާމަލާތްތަކަކާ ކަމަށް އެނގިފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދުނު މައްސަލަ ކަމަށް ވެސް އެނގިފައިވާ ކަމަށް ވެސް އޭރު ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހީނުކޮށްފައިވާ މީހާ ހުރި އެޕާޓްމަންޓަށް ފުލުހުން ދިޔައިރު އޭނާގެ ބޮލާއި ތުނބުޅި މަތިމަސް ވަނީ ބާލާފަ އެވެ. އަދި އިންޒާރު ދީ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެވަގުތު އެޕާޓްމަންޓް ގައި 12 މީހަކު ތިއްބެވެ. އެ މީހުން ހައްޔަރު ކޮށް ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ މައްޗަށް ދައުވާ ކުރަން މިހާރު ފޮނުވާފައިވާ ކަމަށެވެ. ދައުވާ ކުރަން ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އެ މީހުން މިހާރު ތިބީ ފުލުހުންގެ ބަންދުގައި ނޫން ކަމަށް ވެސް ބުންޏެވެ. އެ މީހުން ބަންދުން ދޫކޮށްލީ ކޯޓުން އަމުރު ކުރުމުންނެވެ.
ފުލުހުން ބުނީ އެމީހާ ރަހީނުކުރި އެޕާޓްމަންޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ކަމަށާ މީގެ ކުރީން ވެސް އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެތަނުން އެރޭ ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވޭ ފިލްމު ހުސްކުރި ދަޅަކާއި 19 ސެލޯފިންކޮޅާއި 14 ރަނބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ބެލެވިގެން ޔޫރިން ދިނުމަށް އެދުނު ކަމަށާ އެކަމަށް އެކަކު ދެކޮޅު ހެދި ކަމަށެވެ. އެ މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ބުންޏެވެ. އެއީ އެ އެޕާޓްމަންޓްގެ ވެރި ފަރާތެވެ.
ފުލުހުން ވަނީ އެ މީހާގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. ހިޔާގެ އެ އެޕާޓްމަންޓްގެ ވެރިފަރާތަކީ ލ. މާވަށް، ޖަމީލާ މަންޒިލް އާދަމް ހުސައިން 48 އަހަރު އެވެ.