ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ އެކަން ނާކާމިޔާބު ކޮށްލަން އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ރާވަމުންދާ ކަމަށެވެ.
ރާއްޖޭގެ "ޓޫރިޒަމް ފުނޑާލަން" އިދިކޮޅު އެމްޑީޕީ އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވުމުން، އެ މައްސަލަ ބަލަން އެމްޑީޕީން ގޮވާލައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ އެކަން ނާކާމިޔާބު ކޮށްލަން އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ރާވަމުންދާ ކަމަށެވެ. އެއީ ދައުލަތަކަށް ލިބޭ މަންފާ ހުއްޓުވައި، ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސް އެޅުމަށް ރާވާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި އެންމެހާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް އެއީ،" ނިހާދު ވިދާޅުވި އެވެ.
އެކަން ކުށްވެރިކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށވެެ. ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަން،" އެޕާޓީން ބުނެފައިވެ އެވެ.