މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 12 ގެއަކުން 32 މީހުން އެއް ދުވަހުގެ މުއްދަތަކަށް ކެއިންބުއިމާއެކު ވަގުތީ ބޯހިޔާވަހިކަން ދީފައިވެ އެވެ.
މިދިޔަ ހަފްތާ ބަންދުގައި މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 30 ގެއަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމެންޓް ހަދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 12 ގެއަކުން 32 މީހުން އެއް ދުވަހުގެ މުއްދަތަކަށް ކެއިންބުއިމާއެކު ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ.
އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނީ ކައްކައި ކައިބޮއި ހެދުމަށާއި، ނިދައި އަދި ފާހާނާ ކުރެވޭނެ ގޮތެއް ވެސް ނެތުމުންނެވެ.
އެންޑީއެމްއޭ އިން ބުނީ ރެޑް ކްރެސެންޓާ ގުޅިގެން މާލޭގައި ޑެމޭޖް އެސެސްމެންޓް ހެދި 30 ގެއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ކަމަށެވެ. އަދި މަދުމަދުން އިމާރާތުގެ ސީލިންގުފަދަ ތަންތަނަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، މިމަހުގެ 17 ވަނަ ދުވަހު އަތޮޅުތެރެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވަނީ ތިން ރަށެއްގަ އެވެ. އެއީ ނ. ހެނބަދޫ، ނ. ކެނދިކުޅުދޫގެ އިތުރުން ޅ. ކުރެންދޫ އެވެ.
ނަމަވެސް ގޭގެއަށް ފެންވަދުމުގެ ރިޕޯޓް ކޮށްފައި ވަނީ ހެނބަދޫން އެކަންޏެވެ. އެންޑީއެމްއޭ އިން ބުނީ ހެނބަދޫގެ 80 ގެއަކަށް ފެންވަތް ނަމަވެސް އެއްވެސް ގެއަކުން މީހަކު ބަދަލުކުރަން ޖެހިފައި ނުވާ ކަމަށެވެ.
އެރަށުން ފެން ވަދެގެން ގެއްލުން ލިބުނު 27 ގެއެއްގެ ޑެމޭޖް އެސެސްމެންޓް ވަނީ ހަދާފަ އެވެ. މި ގެތަކުގައި ވެސް ހިފައިގެންގުޅޭ ތަކެއްޗަށާއި އިމާރާތަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.