ރާއްޖެއަށް ދެވަނަ ލިބުނުއިރު ރާއްޖެއާ ޓޫރިޒަމްގައި ވާދަވެރި މަންޒިލްތައް ލިސްޓުގައި އޮތީ މާ ފަހަތުގަ އެވެ.
ލަގްޒަރީ ލައިފް އިސްޓައިލް މެގަޒިލް ކޮންޑެނާސްޓް ޓްރެވަލާ އިން ހޮވި ދުނިޔޭގެ އެންމެ ރޮމޭންޓިކް މަންޒިލްގެ ދެވަނާގައި ރާއްޖެ ހިމެނިއްޖެ އެވެ.
ދުނިޔޭގެ ލަގްޒަރީ ޓޫރިޒަމްގައި އެންމެ މަޝްހޫރު އެއް މަޖައްލާ ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލާ އިން ވަނީ ހަނީމޫންއަށް ދާން އެންމެ ހިތްގައިމު 25 މަންޒިލެއް ލިސްޓުކޮށްފަ އެވެ. އެ މަޖައްލާއިން ބުނެފައިވާ ގޮތުގައި މި މަންޒިލްތަކަކީ ހަނީމޫން ހޭދަކުރުމަށް ދެމަފިރިން ނުވަތަ ޖޯޑެއް ދަތުރުކޮށްލަން އެންމެ ހިތްގައިމު މަންޒިލްތަކެވެ.
މި މަންޒިލްތަކުގެ ލިސްޓެއް ހަދާފައިވާއިރު އެ މަޖައްލާ އިން އެއްވަނަ ދީފައިވަނީ އިޓަލީގެ އިޓަލީގެ އަމަލްފީ ކޯސްޓް އެވެ. އަދި ދިގު ލިސްޓުގެ ދެވަނަ ދީފައިވަނީ ދިވެހިރާއްޖެއަށެވެ.
ރާއްޖެއާ ވައްތަރު ގޮތްތަކެއް ހުރި ގިނަ ގައުމު ތަކެއް ވެސް މި ލިސްޓުގައި ހުރިއިރު ކޮންޑެނާސްޓް ޓްރެވަލާ މަޖައްލާ އިން ރާއްޖެއަށް ދެވަނަ ދިނީ ކީއް ވެގެން ހެއްޔެވެ ؟
ކޮންޑެނާސްޓް ޓްރެވަލާ މަޖައްލާ އިން ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އިރުއަރާ ވަގުރާއި އިތުއޮއްސޭ ވަގުތުތުގައިވެސް އާދަޔާ ހިލާފު ރީތި މަންޒަރުތަކެއް ފެންނަ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ އާއިލީ ރަހުމަތްތެރި ރިސޯޓްތަކެއް ރާއްޖޭގައި ހިންގާއިރު ހެނދުނުގެ ކޮފީގެ ގަޑިތަކުގައި އެންބޯމަޑި ފަދަ ގުދުރަތީ ރީތި އެތައް މަންޒަރެއް ރާއްޖޭން ފެނެ އެވެ.
ރާއްޖޭގެ އަންނަ ދެމަފިރިން ހަނީމޫން ހޭދަކޮށްލަން އެކަށީގެންވާ ރިސޯޓްތަކެއްވެސް ކޮންޑެނާސްޓް ޓްރެވަލާއިން ވަނީ ލިސްޓްކޮށްފަ އެވެ. މިގޮތުން ވައްކަރާއި ސިކްސެންސަސް އަދި ގިލިލަންކަންފުށި މޯލްޑިވްސް ވެސް ހިމެނެ އެވެ.
ކޮންޑެނާސްޓް ޓްރެވަލާ އިން ނެރުނު މި ލިސްޓުގައި ރާއްޖޭގެ ފަހަތައް ހުރި ގައުމުތަކުގެ ތެރޭގައި ތިންވަނާގައި އޮތީ ގްރީސް އެވެ. އަދި ރާއްޖެ ފަދަ ގުދުރަތީ ވައްތަރު މަންޒަރުތައް ހުރި ގައުމުތައް އޮތީ މި ލިސްޓުގެ މާ ފަހަތުގަ އެވެ. އެގޮތުން އިންޑޮނޭޝިއާގެ ބާލީ އާއި ތައިލެންޑުގެ ޕުކެޓުގެ އިތުރުން މޮރިޝަސް އާއި މޮރިޝަސް އާއި ޒެންޒިބާރު އަދި ސީޝެލްސްގެ އިތުރުން ކެރީބިއަން އެންޓިގުއާ ހިމެނެ އެވެ.
ރާއްޖެ ޓޫރިޒަމް ރަސްމީކޮށް 1972 ގައި ފެށުނުފަހުން ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ ބްރޭންޑެވެ. މިދިޔަ ތިން އަހަރުވެސް ވޯލްޑް ޓްރެވަލް އެވޯޑުގެ ބެސްޓް ޑެސްޓިނޭޝަން މަންޒިލުގެ ގޮތުގައި ހޮވުނީ ރާއްޖެ އެވެ.