ބައެއް މީހުން އެ މަރުގެ ތުހުމަތު ޒަކިއްޔާގެ ފިރިމީހާގެ ބޮލުގަ އަޅުވާ ވާހަކަ ދައްކަ އެވެ. މިއަދުގެ ހަމަނުޖެހުން އުފެދުނީ ވެސް އެ ސަބަބާއި ގުޅިގެން ކަމަށް ވެ އެވެ.
މިއަދު މި މާރާމަރީ ހިނގީ، ޒަހަމްތަކަކާއެކު ނ. ހޮޅުދޫ އިން މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ 50އ، ގެ މަރުގެ މައްސަލައާ ގުޅިގެން އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ޒަކިއްޔާގެ މަރާމެދު ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ.
އެ ރަށުގެ ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން ޒަކިއްޔާ އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެ އެވެ. ޒަކިއްޔާގެ ގާތިލެއް ވާނެ ކަމަށާ އޭނާ ހޯދާ އިންސާފު ނުލިބެނީސް ހަމަޖެހުމެއް ނެތް ކަމަށް ބުނެ ރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން ދެ ފަހަރެއްގެ މަތީން ވަނީ ބޮޑު އިހުތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ އިހުތިޖާޖުތަކުގައި ޒަކިއްޔާގެ އާއިލާގެ މީހުން ބައިވެރިވެ ޝުއޫރު ވެސް ފާޅުކޮށްފައިވެ އެވެ.
ބައެއް މީހުން އެ މަރުގެ ތުހުމަތު ޒަކިއްޔާގެ ފިރިމީހާގެ ބޮލުގަ އަޅުވާ ވާހަކަ ދައްކަ އެވެ. މިއަދުގެ ހަމަނުޖެހުން އުފެދުނީ ވެސް އެ ސަބަބާއި ގުޅިގެން ކަމަށް ވެ އެވެ.
ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ރިޕޯޓް ކުރުމުން އެކަން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ؛
ފުލުހުން ބުނި ގޮތުގައި ރިމްޒީ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.
މި މަރާ ގުޅޭ މައުލޫމާތު ދިނުމަށް މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާ މަރުވެފައި ވަނީ ކަރަށް ލިބުނު ފުން ޒަހަމްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރުގެ ދެ ފަރާތަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ކަރުގެ މެދުގައި ތިލަ ޒަހަމްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒަކިއްޔާ އޮތީ މަރުވެފަ އެވެ.
އޭނާ ވިދާޅުވީ އެއްޗެއް ބާރަށް ހަރާލުމުގެ އެއްވެސް ނިޝާނެއް ކަރުގައި ނެތް ކަމަށާއި ނަމަވެސް ހަމަލާ ދޭން ފަސްޖެހިފައިވާ ކަމުގެ ނިޝާން ހުރި ކަމަށެވެ. އެއީ ކަރުގައި ތިލަކޮށް ހުރި ނިޝާންތައް ކަމަށް އޭނާ ސާފުކޮށްދެއްވި އެވެ. ޒަކިއްޔާ ކައިރީ އޮއްވާ ފެނުނު ވަޅި އަކީ އެގޭ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް އެދުވަހު ހެނދުނު 9:53 ހާއިރު ކުނި ނަގަން ވަތް މީހަކަށެވެ. މަރުވެފައި އޮއްވާ ފެނުނީ އެގޭގައި ހުންނަ ގުދަނެއްގެ ދޮރު ކައިރިންނެވެ. އެ ގުދަނަކީ ބޭރުން ވެސް ވަދެވޭ ގޮތަށް ދޮރެއް ލާފައި ހުންނަ ގުދަނެކެވެ. އެގޭގެ ކުނި ބަހައްޓަނީ އެ ގުދަނުގަ އެވެ.
ސާމިހު ވިދާޅުވީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު ކުނި ނަގަން ވަތް މީހާ ފިޔަވައި އޭގެ ކުރިން އެގޭތެރެއަށް އެއްވެސް މީހަކު ވަދެފައި ނުވާ ކަމަށެވެ.
އެދުވަހު ހެނދުނު އެގޭތެރޭ ހިނގާދިޔަ ބައެއް ކަންކަން ގޭގައި ދިރިއުޅޭ މީހުންނާ ހަވާލާދެއްވައި ސާމިހު ވަނީ ވިދާޅުވެދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެދުވަހު ހެނދުނު ޒަކިއްޔާ ކުނި ބާލިދީ ނެރޭތަން ގޭގައި ދިރިއުޅޭ ކުއްޖަކަށް ފެނުނެވެ. މާމަދަރިފުޅު ސުކޫލުން ބަލައި ވެސް ދިޔަ އެވެ. އެންމެ ފަހުން އެގޭގައި ދިރިއުޅޭ 16 އަހަރުގެ ކުއްޖަކާއި ޒަކިއްޔާގެ ޅީދަރިފުޅަށް އޭނާ ފެނިފައި ވަނީ 8:40 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ވަގުތު އޭނާގެ ފިރިމީހާ މުހައްމަދު ރަޝީދު އޮތީ ނިދާފަ އެވެ. އޭނާގެ ދޮށީ ދަރިފުޅު ހޭލައިގެން އެވަގުތު އުޅުނީ ފާހާނާގައި ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާއަށް އަނިޔާ ލިބުނީ އެހެން މީހެއްގެ އަމަލަކުން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ޒަކިއްޔާގެ ފިރިމީހާ އަދި އާއިލާގެ ބައެއް މީހުންނަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން ސާމިހު ވިދާޅުވީ އެއިން އެއްވެސް ފަރާތެއްގެ ޝާމިލުވުން ނެތްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ގުދަނުން ޒަކިއްޔާ ނެރުނު ފަހުން އެތަނަށް މީހަކު ވަދެފައި ނުވާ ކަން ވެސް ކަށަވަރުކޮށްފައިވާ ކަމަށެވެ. އާއިލާ މީހުންނާ ޒަކިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޯސްޓްމޯޓަމް ނުހެދުމެވެ. އެކަން ނުކުރި ނަމަވެސް، ޒަކިއްޔާގެ ހަށިގަނޑު ބެލި ސްޕެޝަލިސްޓް ޑޮކްޓަރުގެ ފަރާތުން ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޑޮކްޓަރު ބެލުމަށްފަހު އޭގެ ދެދުވަސް ފަހުން އާއިލާއާ ހަށިގަނޑު ވަނީ ހަވާލުކޮށްފަ އެވެ. ހަށިގަނޑު ހަވާލުކުރުމާއެކު ހަމައެދުވަހު ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.
މި މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވޭ މީހަކު ނެތް ނަމަވެސް، އަދިވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައިގައި އިތުރު ކަންކަން އެނގޭ މިންވަރަކުން ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.