"އެހެންނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފަ. އަޅުގަނޑު އުންމީދު ކުރަނީ ފުލުހުން ރަގަޅު ތަހުގީގެއް ހިންގާނެ ކަމަށް އަދި މައުރޫފް ޖަމީމް އެންމެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް،"
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނުހައްގުން ބަޔަކަށް ގޯތި ވިއްކާފައިވާ މައްސަލައިގައި ހިނގާފައިވާ ކަންކަން، އެކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިސްލާހު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުހައްގުން ގޯތި ބެހި މައްސަލައިގައި ކުރިން ވެސް މިހާރު ވެސް ދަންނަވަން އޮތީ އެއީ އެތައް ބަޔަކަށް ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށެވެ. މިފަހަރު ވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އިތުރުވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފަ. އަޅުގަނޑު އުންމީދު ކުރަނީ ފުލުހުން ރަގަޅު ތަހުގީގެއް ހިންގާނެ ކަމަށް އަދި މައުރޫފް ޖަމީމް އެންމެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް އައްޔަނުކޮށްފައި ވަނީ އިއްޔެ އެވެ. އެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒުލް އިސްތިއުފާ ދެއްވާފައި ވަނީ ގޯތި މައްސަލައިގައި ކޮރަޕްޝަންގެ ބޮޑެތު ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.