އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ މުއާޒު ވަނީ އެކްސް ގައި ދެ ސަފްހާގެ ދިގު ބަޔާނެއް އާންމު ކުރައްވާފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ މުއާޒު ވަނީ އެކްސް ގައި އިސްތިއުފާގެ ސިޓީ އާންމު ކުރައްވާފަ އެވެ. ދެ ސަފްހާގެ ދިގު އެ ސިޓީގައި އޭނާ ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެެމެހެއްޓެނިވި ގޮތެއްގަައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް އެ ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާ ކަމަށެވެ.
އަދި އޭނާ ހުރެގެން އެކަންކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ފެނަަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
މުއާޒުގެ ސިޓީގައި މިދިޔަ މުއްދަތުގައި އޭނާ މަސައްކަތް ކުރީ އިހުލާސްތެރި ކަމާއެކު ކުންފުނީގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވެ ކުންފުންޏަށް ދިމާވެފައިވާ ހާލަތު ތަފްސީލު ކޮށް ދެއްވާފައިވެ އެވެ.
އެގޮތުން އޭނާ ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނަ އިތުރަށް މުވައްޒިފުން ހަމަޖައްސަން ޖެހުމާއި ކުންފުނި ރައިޓް ސައިޒު ކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީ އަށްވުރެ އެތައް ގުނަ ހަރަދު އިތުރުވުން ފާހަގަ ކުރައްވާފައިވެ އެވެ.
ހާލަތު އެހެން އޮތަސް މިދިޔަ އެއް އަހަރު ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އޮކްޓޫބަރު 2023 އާ އަޅާބަލާއިރު އޮކްޓޫބަރު 2024 ގެ ނިޔަލަށް 130 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
"ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ވާހަކަ މަނިކުފާނުގެ މައުލޫމާތަށްޓަކާ ދަންނަވަމެވެ،"