މި ދައުވާ ސާބިތުވެއްޖެނަމަ 16 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ކޯޓަށް ހުށަހަޅައިފި އެވެ.
ގ. ފަހިވާގެ، ބައްސާމު އަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާންތްތެރިވެ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ.
ޕީޖީ އޮފީހުން ދެންމެ ބުނީ އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމު، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނަ ހިމެނޭ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ ފަންސަވީސް މިލިއަން ރުފިޔާގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
މި ދައުވާތަކާ ގުޅިގެން މި ހިޔާނާތުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށާއި ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު، ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ދެ އެޕާޓްމަންޓް ނަގައިދޭން ވަނީ އެދިފަ އެވެ.
މި މައްސަލާގައި ކުރިން ތަހުގީގު ކުރެވިފައިވާ ބައިގައި ބައްސާމު މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާކުރުމަށް 21 ޖަނަވަރީ ގައި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.