ރައީސް އަދި ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކަށް އެމަނިކުފާނު ބޭފުޅުން އައްޔަނު ކުރައްވަނީ ވައްކަން ކޮށް ހިޔާނާތް ހިންގަން ނޫން ކަމަށެވެ.
ސަރުކާރުގެ އެކި މަގާމުތަކަށް މީހުން އައްޔަނު ކުރައްވަނީ ކޮރަޕްޝަނާއި ވައްކަން ހިންގަން ނޫން ކަމަށް ވިދާޅުވެ އެފަދަ ކަންކަމަށް ކުޑަވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ބޭރުގައި މިއަދު ސަންގު ޓީވީގެ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ސަރުކާރުގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އޮތް ދަނޑިވަޅެއް ގަ އެވެ. ކުރީ ސަރުކާރުގެ ވައްކަމާއި ފަސާދައިގެ ވާހަކަތައް ދައްކަމުން އެކަން ބަދަލު ކުރުމުގެ ބޮޑު ވައުދާއެކު އުފެދުނު މި ސަރުކާރު ގައި އެފަދަ ހިޔާނާތްތެރިކަމެއް ހިންގި ކަމުގެ ތުހުމަތު ފެންމަތި ވުމަކީ ގިނަ ބަޔަކަށް ހައިރާން ކަމާއި ކަންބޮޑުވުން ގެނުވި ކަމެވެ.
ނަމަވެސް ރައީސް މިއަދު ވިދާޅުވީ މިއީ ވައްކަމާއި ހިޔާނާތަށް ފުރުސަތު ދެއްވާނެ ސަރުކާރެއް ނޫން ކަމަށެވެ. ކުރީ ސަރުކާރުތަކުން އެފަދަ ކަންކަން ނުބަލާ ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ ހިޔާނާތަށް މަގުފަހި ވާ ކޮންމެ ކަމަކަށް އެމަނިކުފާނު އިސްވެ ފިޔަަވަޅު އަޅުއްވާނެ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ތަނެއް [އިދާރާއެއް] ގައި އަޅުގަނޑު ބޭނުމެއް ނޫން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާކަށް،"
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އެޗްޑީސީގެ ހިނާޔާތަށް ފިޔަވަޅު އަޅަން ފެށީ އެކަން ފަޅާ އެރުމުންނެވެ. އެފަދަ ކަންކަން އެޗްޑީސީގެ ތެރޭގައި ހިނގާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭތާ އެތައް މަސްތަކެއް ފާއިތުވެއްޖެ އެވެ.
ރައީސް އަދި ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކަށް އެމަނިކުފާނު ބޭފުޅުން އައްޔަނު ކުރައްވަނީ ވައްކަން ކޮށް ހިޔާނާތް ހިންގަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު އެދިވަޑައިގަތުމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެއްވުން ކަމުގައި ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަނު ކުރައްވާފަ އެވެ. މައުރޫފަކީ އާކިޓެކްޓެކެވެ. އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާ ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމު އަދާކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގަ އެވެ. އޭރު ހުޅުމާލެ ހިއްކައި އެތަން ތަރައްގީ ކުރުމުގައި އޭނާ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒުލް އިސްތިއުފާ ދެއްވާފައި ވަނީ ކޮރަޕްޝަންގެ ބޮޑެތު ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.
ރައީސް ވަނީ މައުރޫފާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ވިދާޅުވީ މައުރޫފަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި އެއީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމުގައި މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތްތާ ކަންކަން ރަނގަޅު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ބޭފުޅާ [މައުރޫފަކީ] އަޅުގަނޑު ވަރަށް އިތުބާތު ކުރާ ފުލް އިންޓެގްރިޓީ ހިފަހައްޓާނެ ބޭފުޅެއް،"
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.