އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފް އައްޔަނު ކޮށްފައިވާ ކަމަށް ޕްރައިވަޓައިޒަން އެންޑް ކޯޕަރޭޝަން. ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް އައްޔަނު ކޮށްފި އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފް އައްޔަނު ކޮށްފައިވާ ކަމަށް ޕްރައިވަޓައިޒަން އެންޑް ކޯޕަރޭޝަން. ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.
މައުރޫފަކީ އާކިޓެކްޓެކެވެ. އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާ ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމު އަދާކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގަ އެވެ. އޭރު ހުޅުމާލެ ހިއްކައި އެތަން ތަރައްގީ ކުރުމުގައި އޭނާ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒުލް އިސްތިއުފާ ދެއްވާފައި ވަނީ ކޮރަޕްޝަންގެ ބޮޑެތު ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.
ފަޒުލް އިސްތިއުފާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީފުޅު ސޯޝަލް މީޑިޔާ ޕްލެޓުފޯމުތަކުގައި ހިއްސާކުރައްވާފައިވެ އެވެ. އެ ސިޓީތަކުގައި އޭނާ ވިދާޅުވެފައިވަނީ އެކި ގޮތްގޮތަށް ސޯޝަލް މީޑިޔާގެ މަންސަތަކުގައި އޭނާއާ ގުޅުވައިގެން ފަތުރަމުންދާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.
އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި، ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ބިންވެރިޔާއާ ގުޅިގެން ކުންފުންޏަށް ކުރާ ވަގަށް ބިން ވިއްކިކަމުގެ ތުހުމަތުތަކަކީ އެއްވެސް ގޮތަކުން އެޗްޑީސީއާ ގުޅުމެއް ހުރި ތުހުމަތުތަކެއް ނޫންކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވެފައި ވަނީ އޭނާ އެދިވަޑައިގަންނަވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަވުން ކަމަށެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.