އުސޫލުން ބޭރުން ބިން ވިއްކި ވާހަކަ އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީންވަނީ ދިރިއުޅުމަށް ބިން ވިއްކުމުގައި އެ ކުންފުނިން އަމަލުކުރާ އުސޫލު ބަޔާންކޮށްދީ އެ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ބިން ވިއްކާފައިނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެޗްޑީސީގެ މައި އޮފީސް އިމާރާތް

ހުޅުމާލޭގައި މީހުން ދިރިއުޅުމަށާއި ވިޔަފާރި ބޭނުމަށް ބިން ވިއްކުމަށް ކަނޑައަޅާފައި އޮންނަ އުސޫލުން ބޭރުން ބިން ވިއްކަމުންދާކަމަށް ސޯޝަލް މީޑިޔާގައި ކުރެވޭ ތުހުމަތުތައް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޮގުކޮށްފި އެވެ. 

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކަށް ސައްހަ ނޫން ލިޔުންތަކެއް ދޫކޮށް، އެ ލިޔުންތަކުގެ މައްޗަށް ބައެއް މުނިސިޕަލް ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބޯޑުގެ މެންބަރުން ސަސްޕެންޑުކޮށްފައިވާ ދުވަސްވަރެއްގައި ކުންފުނީގެ ތެރެއިން ނުގަވާއިދު ބިންތަކެއް ވިއްކާފައިވާކަމުގެ ތުހުމަތު މީސްމީޑިޔާއަށް ތިލަވެފައިވެ އެވެ. 

އެގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާއި، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އަދި ހާރިޖީވަޒީރު އަބްދުﷲ ހަލީލުގެ މަސްލަހަތު އޮތް ވިޔަފާރިއަކަށް އުސޫލުން ބޭރުން ބިން ވިއްކާފަައިވާކަމަށް މީސްމީޑިޔާގައި ވާހަކަތައް ފެތުރިފައިވެ އެވެ.

އެކަމާ ގުޅިގެން އިއްޔެ އެޗްޑީސީން ނެރުނު ބަޔާނެއްގައި އެ ކުންފުނިން މީހުން ދިރިއުޅުމަށް ވިއްކާ ބިންތައް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތުގެ ބައެއް ތަފުސީލުތައްވަނީ ހިމަނާފަ އެވެ. އެގޮތުން އެ ކުންފުނިން ބުނީ ބިން ވިއްކާފައި ހުންނާނީ ހުޅުވާލެވިފައިވާ ބީލަމުގެ ޕްރޮސެސްއެއް ހިންގަައިގެން ކަމަށެވެ.

އެ ކުންފުނިން ބީލަން ކިޔާ ގޮތް ތަފުސީލުކޮށްދެމުން އެޗްޑީސީންވަނީ ބީލަން ޕްރޮސެސްގެ މަރުހަލާތައް ތަފުސީލުކޮށް ކިޔައިދީފަ އެވެ. ބިޑިން ޕްރޮސެސްގެ މަރުހަލާތަކަކީ: 

  •  ފުރަތަމަ މަރުހަލާ: ވަކި ބިމަކަށް ބީލަން އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) ހުށަހެޅުން
  •  ދެވަނަ މަރުހަލާ: އީއޯއައި ހުށަހެޅި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވައިލުން
  •  ތިންވަނަ މަރުހަލާ: ބީލަން ހުށަހެޅުމުގެ މުހުލަތުގައި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ބިން ވިއްކުން

ބީލަމުގެ މަރުހަލާއަށް ދާނީ ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާ ހާލަތުގަ އެވެ. އެންމެ ފަރާތަކުން އީއޯއައި ހުށަހަޅައިފިނަމަ އެ ފަރާތެއް އީއޯއައިގައި ހުށަހަޅާފައި އޮތް އަގަށް އެ ފަރާތަކަށް ބިން ވިއްކާނެ އެވެ. 

އީއޯއައިގައި އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބޭސް ރޭޓު ނުވަތަ ފަށާ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅައި އިއުލާނުކޮށްފައިވާ އަގަށްވުރެ ކުޑަ ނޫން އަގެކެވެ. އެކި ސަރަހައްދުތަކުން ވިއްކާ ތަފާތު ސައިޒުގެ ބިންތަކަށް ފަށާ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައި ހުންނަނީ ތަފާތު އަގުތަކެކެވެ. 

އެ ކުންފުނިން ވިއްކާފައިވާ ބައެއް ބިންތައް ވިކުނު ގޮތުގެ ބައެއް ތަފުސީލު ހިމަނައިގެން ނެރުނު ބަޔާނުގައި އެގޮތަށް އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ބީލަން ހުށަހަޅާފައިވާ ހާލަތްތަކުގައި ހުށަހަޅާފައިވާ އަގުތަކުގެ ތަފުސީލުތައް ހިމަނާފައިވެ އެވެ. 

އެ ބަޔާނުގައި އެޗްޑީސީންވަނީ އެ ކުންފުންޏާމެދު ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދަށް އޮޅުވާލައިގެން ބިން ވިއްކެވުމާއި ފުލެޓުތައް އުސޫލުން ބޭރުން ވިއްކުމުގެ ތުހުމަތުވެފައި އޮއްވައި މިހާރު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުންދާ ބިންވެރިޔާ ސްކީމުގެ މައްސަލައިގެ ތަހުގީގަށް ފަހިކޮށްދެެއްވުމަށް ވިދާޅުވެ ފަޒުލްވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.