ސިފައިން ބުނީ ގެއްލުނު މީހާ ހޯދުން މިހާރު ވަނީ މެދުކަނޑާލާފައި ކަމަށެވެ. ނޭޕާލްގެ އެ މީހާ ހޯދަން ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ.
އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ބޯޓެއްގައި މަސައްކަތްކުރާ މީހަކު ކަނޑަށް ވެއްޓި ގެއްލުނު ހާދިސާއާ ގުޅިގެން އޭނާ ހޯދުމަށް ފެށި އޮޕަރޭޝަން ހުއްޓާލައިފި އެވެ.
މީހަކު ގެއްލުނީ އައްޑޫން މާލެއަށް ދަތުރކުރަމުން އައި ސީމެކްސް ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ގެއްލުނު މީހާއަކީ އަވައްޓެރި ނޭޕާލަށް ނިސްބަތްވާ ރާޖް ކުމާރު ކިޔާ މީހެކެވެ. ފުލުހުން އޭނާގެ އުމުރު ހާމަނުކުރެ އެވެ.
ރާޖު ކުމާރު ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ. ގެއްލުނު ސީދާ ވަގުތެއް ފުލުހުން ނުބުނެ އެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުން ރާޖު ކުމާރު ގެއްލުނީ އައްޑޫ ސިޓީން ފުރައިގެން ދަތުރުކުރި މަގުމަތީ އައްޑޫއާއި ފުވައްމުލައް ސިޓީގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދަށެވެ. އޭނާ ގެއްލުނުއިރު ބޯޓު އޮތީ ފުވައްމުލަކާ އަށްވަރަކަށް މޭލު ދުރުމިނުގަ އެވެ.
ރާޖު ކުމާރު ހޯދުމަށް ގައުމީ ދިފާއީ ބާރުން މަސައްކަތް ކުރި އެވެ. ސިފައިން ބުނީ ގެއްލުނު މީހާ ހޯދުން މިހާރު ވަނީ މެދުކަނޑާލާފައި ކަމަށެވެ.
އޭނާ ހޯދުމަށް މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށާ 19 ވަނަ ދުވަހު ފޯއްމުލަކު ގެ ވަށައިގެން ބަލައިފައިވާ ކަމަށް ބުންޏެވެ.
އަދި ބުނީ އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށެވެ.