މިވަގުތު ސަސްޕެންޑުކޮށްފައި ހުރި ނަމަވެސް ބިންވެރިޔާ ސްކީމާ ގުޅިގެން ބަލަމުންދާ މައްސަލައިގަ އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ތުހުމަތެއް މިހާތަނަށް ނުކުރެވޭކަމަށް ރޭ ފުލުހުންގެ ހިދުމަތުން ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދޫކޮށް، ގޯތީގައި އިންފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދަށް މިހާތަނަށް ފުލުހުން ޖިނާއީ ތުހުމަތެއް ނުކުރާކަމަށް އެ ހިދުމަތުން ބުނެފި އެވެ.
ރޭ ފުލުހުންގެ އިދާރާއިން އެ މައްސަލައިގެ އިތުރު ތަފުސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ މިހާރު ތަހުގީގުކުރަމުންދާ މައްސަލާގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނުކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތްތަކަށް އެ ބިންތަކުގައި ބައެއް މަސައްކަތްކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭކަން އެޗްޑީސީގެ ސަމާލުކަމަށް އައީ އެއް ބިމަކަށް އެކަކަަށްވުރެ ގިނަ މީހުން ހުއްދަ ހޯދަން އެދި ހުށަހެޅުމުން ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު އެ ބިންތަކުގައި މަސައްކަތްކުރަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމށް ޝަރީފު ވިދާޅުވި އެވެ.
އިތުރަށް ޝަރީފު ވިދާޅުވީ މިހާތަނަށް އެޗްޑީސީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އެކަމުގައި އޮތް ކަމުގެ ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ހެކިތައް ނައްތާލުމަށް އެޗްޑީސީގެ އެއްވެސް މުވައްޒަފަކު މަސައްކަތެއް ކުރިކަން ފާހަގަވެފައި ނެތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިތުރަށް ޝަރީފު ވިދާޅުވެފައިވަނީ އެ މައްސަލާގައި ފަޒުލްއަށް މިހާތަނަށް ތުހުމަތެއް ކުރެވިފައިނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް މީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމަށް ފުލުހުން ކޯޓުގައި އެދިފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފު ފާހަގަކުރެއްވި ގޮތުގައި ތަހުގީގުގެ މިހާރުގެ މައިގަނޑު މަގުސަދަކީ މިހާތަނަށް މިގޮތަށް ބިންވެރިޔާ ލިސްޓުން ބޭރުން ދޫކޮށްފައިހުރިކަން އެނގިފައިވާ ބިންތަކުގެ އިތުރަށް ބިންތަކެއް ދޫކޮށްފައި ހުރިތޯ ބެލުމެވެ. އަދި އޭގެ އިތުރަށް މިގޮތަށް ބިން ދޫކުރުމާ އެޗްޑީސީގައި އަދި ހައުސިން މިނިސްޓްރީގައި ނިމުނު ދައުރުގައި މަސައްކަތްކުރި މީހުންނާއި މިހާރު މަސައްކަތްކުރާ މީހުންގެ ތެރެއިން އެއްވެސް ބަޔަކާ ގުޅެއް އޮތްތޯ ބެލުމެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އިންސާފުވެރި ތަހުގީގަކަށް މަގުފަހިކުރުމުގެ ގޮތުން ފަޒުލް ހިމެނިވަޑައިގަންނަވާހެން އެޗްޑީސީގެ ބޯޑުގެ މެންބަރުންގެ ތެރެއިން ކުންފުނީގެ އައު ޗެއާމަން އަހްމަދު ނާސިފު ދީދީ ނޫން ހުރިހައި އެންމެން އިއްޔެ ޕީސީބީންވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފަ އެވެ.