ދަރިކަލުން އުސޫލުން ބޭރުން ހުޅުމާލެއިން ބިމެއް ބައްލަވައިގެންނެވި ކަމަށް ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވައި ވަޖީހު ވިދާޅުވީ ދަރިކަލުން ބިމެއް ބައްލަވައިގަނެފައިނުވާ ކަމަށާއި ފަތުރަނީ ދޮގެއް ކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ވަޖީހުގެ ދަރިކަލުން ބިމެއް ބައްލަވައިގަތްކަމަށް ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ހަބަރުތައް ވަޖީހު ދޮގުކުރައްވައިފި އެވެ.
ސޯޝަލް މީޑިޔާގައި ދައުރުކުރަމުންދާ ޕޯސްޓުގައި ބުނެފައިވަނީ ހުޅުމާލެއިން ހާއްސަ އުސޫލެއްގެ ދަށުން އެޗްޑީސީން ވިއްކި ބިންތަކުގެ ތެރެއިން ބިމެއް ވަޖީހުގެ ދަރިކަލެއްކަމަށްވާ އިސްމާއީލް ހާތިމް ވަޖީހު ބައްލަވައިގަނެފައިވާކަމަށެވެ. އަދި ހާތިމުގެ އިތުރަށްވެސް ބިން ގަނެފައިވާ މީހުންކަމަށް ބުނެ ބައެއް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
އެ މައްސަލައާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ އޭނާގެ ދަރިކަލުން ހާތިމު ބިމެއް ބައްލަވައިގަތްކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްބަސްވުމެއް އެއްވެސް ފަރާތަކާއެކު ހަދާފައިނުވާނެ ކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ.
"އަޅުގަޑުގެ ދަރިފުޅު އިސްމާއީލް ހާތިމް ވަޖީހު އެޗްޑީސީއިން ބިމެއް ގަނެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އެފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ފަރާތަކާއި އެކު ހަދާފައި ނުވާނެ ވާހަކަ ދަންނަވަން،" ވަޖީހު ވިދާޅުވި އެވެ.
އިތުރަށް ވަޖީހު ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބަލައި މީހުންގެ އަބުރު ނަގައިލުމަށް މަސައްކަތްކުރަމުންދާ ކަމަކީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ އަސްލެއް ނެތް ވާހަކަތައް ފެތުރުމުން މުޖުތަމައުގެ ކޮންމެވެސް ބަޔަކު އެވާހަކަތައް ގަބޫލުކުރާނެ ކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ އެ ވާހަކަ ގަބޫލުކުރާ މީހުން އިތުރަށް އެ ވާހަކަތައް މުޖުތަމައުގައި ފަތުރައި އާއިލާތަކުގެ އަބުރު ނަގައިލުމަށް މަސައްކަތްކުރަމުންދާތީ އެވާހަކަ ފާހަގަކުރައްވަން ބޭނުންފުޅުވީ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން އެޗްޑީސީ މެދުވެރިކޮށް ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތު ފެންމަތިވެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، އެޗްޑީސީން އުސޫލުން ބޭރުން ގިނަ ބަޔަކަށް ނުއަގުގައި ބިންތަކެއް ދިންކަމުގެ ތުހުމަތުވަނީ ފެންމަތިވެފަ އެވެ.
އެގޮތުން އާންމު އުސޫލުން ބޭރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއަށް ނުއަގުގައި ބިމެއް ވިއްކާފައިވާކަމުގެ ތުހުމަތު ފެންމަތިކޮށްފައިވެ އެވެ. ނަމަވެސް ޝުޖާވެސްވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި ބިން ބައްލަވަައިގަތީ އޮންނަ އުސޫލުގެ ތެރެއިން ބީލަމަށް ހުޅުވައިލި ފުރުސަތުގައި އަގު ހުށަހަޅުއްވައިގެން ކަމަށް ވިދާޅުވެފަ އެވެ.