މިފްކޯގެ ބޭރުގެ ސީއީއޯއަށް | އުންމީދު އެބައޮތް، އެކަމު ގޮންޖެހުމުގެ ފުންމިން ނޭނގޭ

ބޭރުގެ ސީއީއޯއެއް މިފްކޯއަށް ސަރުކާރުން ހަމަޖެއްސީ ކުންފުނި ރަނގަޅު ކުރުމުގެ ނިޔަތް އޮތީމަ އެވެ. އެކަމަކު ސީއިއޯ ޑރ.ވިތާލީ އަށް މިފްކޯ ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިފްކޯގެ އާ ސީއީއޯ ޑރ.ވިތާލީ ލިޔުބޮމިވް

ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ މަސް ކުންފުނި ނުވަތަ މިފްކޯއަކީ ސިޔާސީ ޖަގަހަ އެކެވެ. އެތަނަކީ ސިޔާސީ ހަރުގެ އެވެ. މިފްކޯގެ ކުޑައިގެ ދަށުން ހިންގާ ފެލިވަރާއި ކޫއްޑޫއަކީ ސިޔާސީ ހަރުގެ ތަކެކެވެ. މި ކުންފުންޏާމެދު ދިވެހި ރައްޔިތުން ދެކެނީ މިއީ ކޮރަޕްޝަންގެ ހާޔެއްގެ ގޮތުގަ އެވެ. ކުންފުންޏަށް ގަންނަ މަހުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެޔޮކޮޅާއި ކުންފުނީގެ ތަރައްގީއަށް ކުރާ އިންވެންސްޓްމަންޓްތަކާ މެދު ރަށްޔިތުން ބަލަނީ ޝައްކުގެ ނަޒަރުންނެވެ. މި ލައްގަނޑުގައި އޮންނަތާ 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެވެ. މި ކުންފުނި ހިންގަން މިހާތަނަށް ދިވެހި 10 ވެރިން ނުވަތަ މެނޭޖިން ޑިރެކްޓަރުން ސަރުކާރުން ނެގިނަމަވެސް މިފްކޯގެ ހަޑިނަން ބަދަލު ކުރުމުގައި ކާމިޔާބު ލިބިފައެއް ނެތެވެ.  

މިހާތަނަށް އޮތީ މަސް ކުންފުނީގައި އޮތް މި ހަޑި ތަސްފީރު ބަދަލުކޮށެއް ނުލެވި އެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މިވަނީ މި ކުންފުނީގެ ހުންގާނު ދިވެއްސެއްގެ އަތުން އަތުލައި ބޭރު މީހެއްގެ އަތަށް ހަވާލުކޮށްފަ އެވެ. ކުރިން ސަރުކާރު ބޮޑު ކުންފުނި އެސްޓީއޯގެ ދަށުގައި އޮތް މިފްކޯއަކީ އަމިއްލަ އަށް ހިންގާ ކުންފުންޏަކަށް ބަދަލު ކުރުމާއެކު ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި ރިސްކު މެނޭޖުމެންޓުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.ވިތާލީ ލިޔުބޮމިވް އެވެ.  އާ ސީއީއޯއަކީ ރިސްކް މެނޭޖުމެންޓު ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ތަޖުރިބާކާރެކެވެ. ނަމަވެސް މިފްކޯގެ އާ ސީއީއޯ ޑރ.ވިތާލީ ނަގަންނަވަން ޖެހޭ ރިސްކްތައް މަދެއް ނޫނެވެ. ކުރިމަތީގައި ހުރީ ގޮންޖެހުން ބޮޑު ގިނަ މަސައްކަތްތަކެއް ކުރުމެވެ. 

މިފްކޯގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ކުންފުނީގައި އޮތް ނުބައި ތަސްވީރުގެ ހަގީގީ ކުލަތަކެވެ. 

އާ ސީއީއޯ ޑރ.ވިތާލީއަކީ ޔަގީނުން ވެސް ވިޔަފާރި ދަންނަ ބޭފުޅެކެވެ. ޑރ. ވިތާލީއަކީ ޑާޓާ އެނައިލަސްކުރެއްވުމާއި ގާނޫނީ ލިޔެކިޔުންތައް ތަހުލީލުކުރެއްވުމާއި މާލީކަންކަން ހިންގެވުމުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސްވޮޓް އެނަލައިސިސް، ޕޯޓާސް ފައިވް ފޯސެސް އަދި ބީސީޖީ މެޓްރިކްސްގެ އިތުރަށް ކޭޕީއައިގައި ވެސް މަސައްކަތް ކުރެވި ބޭފުޅެކެވެ،

މިފްކޯއަކީ ސިޔާސީ އައްޑާއެއް، ކޮރަޕްޝަންގެ ހާއްޔެއް

ވިޔަފާރި ކުންފުންޏަކީ ތާއަބަދު ގެއްލުމުގައި ހިންގާނެ ތަނެއް ނޫނެވެ. އެކަމަކު، މި ކުންފުންޏަކީ މިހާތަނަށް ގެއްލުމުގައި ވިޔަފާރި ކުރަމުން ދިޔަ ކުންފުންޏެކެވެ. މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަނެ ބާރަށް ނުއަގުގައި ބޭރު ކުރާ ކުންފުންނެކެވެ،. މިފްކޯ އަށް އާމްދަނީ ލިބޭ މައިގަނޑު ވިޔަފާރިއަކީ މަސް ގަތުމާއި އެ ރާއްޖޭން ބޭރަށް ވިއްކުމެވެ. އެކަމަކު މިފްކޯ މިހާތަނަށް ހިންގަމުން ގޮސްފައިވަނީ ބޭރަށް އެކްސްޕޯޓް ކުރާ މަސް ޓަނަކުން ގާތްގަނޑަކަށް 300 ޑޮލަރުގެ ގެއްލުމެއްގަ އެވެ.

މިފްކޯއަކީ އެންމެ ކޮރަޕްޝަންގެ ފައިލެއް އޮތް އެއް ސަރުކާރު ކުންފުންޏެވެ. މިފްކޯގެ ކޮރަޕްޝަން ފައިލް ހުޅުވާނަމަ މަސް ކަނޑުތައް ފުރުނަސް އެ ވާހަކަ ދައްކާ ނުނިމޭނެ އެވެ. ބޭރަށް އެކްސްޕޯޓް ކުރާ މަހުން މިހާތަނަށް މި ކުންފުނީގެ އެތެރޭން ކުރަމުން ދިޔައީ ވައްކަމެވެ. މަސް އެކްސްޕޯޓް ކުރާ ތައިލެންޑުގެ ބާޒާރުގައި ތިބޭ އަނދިރި ވިޔަފާރިންނާ ގުޅިގެން ކުރާ މި ވައްކަންތަކުގެ ސަބަބުން އެ ކުންފުނިން 3000 ޓަނުގެ މަސް ބޭރުކޮށްފިނަމަ އޭގެން 800-500 ޓަނުގެ މަސް ރިޖެކްޓްވަމުން ދިޔަ ކަަމަށް މިހާތަނަށް އަންދާޒާ ކުރެވިފައިވެ އެވެ. މި ވަގުތު އެކްސްޕޯޓް ރިޖެކްޝަން ޕަސެންޓޭޖް ދެ ޕަަސެންޓުގައި ހުއްޓަސް މިދިޔަ ފަސް އަހަރު ތައިލެންޑަށް އެކްސްޕޯޓް ކުރި މަަހުގެ ރިޖެކްޓް ހަ ޕަސެންޓަށް އުފުލުނު ދުވަސް ވަރެއް ވެސް ދިޔަ އެވެ. މި ވާހަކަ އޭރު ރައްޔިތުން މަޖިލީހުގައި ގަދަ އަށް ދެކެވުނެވެ. މިއީ ބިލިއަން ރުފިޔާގެ "ކަޅު ވިޔަފާރިއެއް" ކުންފުނީގެ ތެރޭން ހިންގަމުން ދިޔަ ކުންފުންޏެކެވެ. ނަތީޖާއަކީ ކުންފުނި ބޮއްސުންލަމުން ގޮސް ދަރައި ވިކިގެން ދިއުމެވެ. މިއީ އާ ސީއީއޯ ބަދަލު ކުރަން ޖެހޭނެ އިމޭޖެކެވެ. 

މިފްކޯގެ ސީއީއޯ އާއި ފިޝަރީޒް މިނިސްޓަރު ސިޔާމް

މިފްކޯއިން ކިތަންމެ ވަރަކަށް މަސް އެކްސްޕޯޓްކޮށްގެން ފައިސާ ހޯދިޔަސް މި ކުންފުނި ނޫނީ ބާޒާރު ތަރައްގީވާ ވަރަށް ކުންފުނީގެ ވަސީލަތްތަކަށް އިންވެސްޓްނުކޮށް އޮތް ވިޔަފާރި ކުންފުންޏެއް ދުނިޔޭގައި ވެސް އޮންނާނެހެން ހިއެއް ނުވެ އެވެ. މަސްވެރިން އަމިއްލަ އަށް ތަރައްގީ ވެގެން ދިޔަނަމަވެސް މިފްކޯގެ މަސް ގަތުމާއި ރައްކާ ކުރުމުގެ ވަސީލަތް އޮތީ 90 ގެ އަހަރުތަކުގަ އެވެ. މިފްކޯގެ މަސް ގަންނަ ކާރުހާނާތައް ހުރީ ދަބަރަށްވެ ހަލާކުވެފަ އެވެ، ނަތީޖާއަކީ މަސްވެރިންނަށް ހިދުމަތް ކުރުމުގެ ކެޕޭސިޓީ މި ކުންފުނީގައި ނެތުމެވެ. 

މިފްކޯގެ އިންސާނީ ވަސީލަތް ނުވަތަ މުވައްޒަފުންގެ ހާލަތު ވެސް އޮތީ ދަށު ދަރަޖާގަ އެވެ. އެކަމަކު ހަގީގަތަކީ މިފްކޯއަކީ ކަޅު ބިލަ މަސްވެރިކަމުގެ ދާއިރާގައި މި ސަރަހައްދުގެ އެންމެ ގިނަ އެކްސްޕާޓުން ތިބި އެއް ކުންފުންޏެކެވެ. ކުރިން މި ކުންފުންޏަކީ ގިނަ އަދަދެއްގެ ތަޖުރިބާކާރު މުވައްޒަފުން މަސައްކަތް ކުރި ވެސް ކުންފުންޏެކެވެ. އެކަމަކު އުންމީދެއް ދިރުމެއް ކުރިއެރުމެއް ނެތް މިފްކޯގެ ވަޒީފާގެ އޮނިގަނޑުގެ ތެރޭގައި ތިބެތިބެ ގިނަ މީހުން ތިބީ ގަބުވެ ދަބަރު ހިލިފަ އެވެ. އެ މީހުންނަށް މަސްވެރިކަމުގެ ޒަމާނީ ބަދަލު ތަކެއް ނުފެނެ އެވެ. ތަމްރީނެއް ނުލިބެ އެވެ. ތަރައްގީއެއް ނުވެ އެވެ. އާ ސީއީއޯއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރަނީ ކުންފުނި "ރައިޓް ސައިޒްކޮށް" ކުންފުނީގެ ކްރީމް ކޮޅު ހޯދުމެވެ. 

މިފްކޯއަކީ މުވައްޒަފުން ގިނަކަމުން ބޮއްސުންލާފައިވާ ތަނެކެވެ. ބޭކާރު ހުސްބޯތަކެއް ވަޒީފާގައި ތިބި މި ކުންފުނީގެ "ރައިޓް ސައިޒް" ހޯދުމަކީ އާ ސީއީއޯއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. މި ހާލަތަށް ދިޔަ މައިގަނޑު ސަބަބަކީ އިންތިހާބުތަކާ ދިމާކޮށް މިފްކޯ ބޭނުން ކުރަނީ ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުމެވެ. މިކަން މިހެން ކުރުމަށް ހިތްވަރު ދެނީ ދައުލަތުގެ ސަރުކާރު އެސްއޯއީ ތަކަށް ފައިސާ ޕަންޕު ކުރުމަށް އޮތް އީޒީ މަނީ ނިޒާމް އެވެ. ކުންފުންޏެއްގެ ނަމުގައި ހިންގިޔަސް ހަގީގަތަކީ މިހާތަނަށް މިފްކޯ އޮތީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގަ އެވެ.

މިފްކޯގެ ސީއިއޯ އަދި އެ ކުންފުނީގެ އިސް ބައެއް އޮފިޝަލުންނާއެކު މަސްވެރިކަމުގެ ފަރާތްތަކާ ބައްދަލު ކުރަނީ

ފުރަތަމަ ހަފުތާގަ އުންމީދީ މަަސައްކަތްތަކެއް

މި ހުރިހާ މައްސަލައަކީ އާ ސީއީއޯ ޑރ.ވިތާލީ އަށް ކުރިމަތިވާނެ އިމްތިހާނު ތަކެވެ. އެކަމަކު މި ސީއީއޯއެކު މިފްކޯ ރަނގަޅު ކުރުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ހުރިކަން އެނގެ އެވެ. އަދި ސީއީއޯ ޑރ.ވިތާލީގެ ޒައާމަތުގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި ނެންގެވި ފިޔަވަޅުތަކުން އުންމީދު ވަނީ އާވެފަ އެވެ.  އާ ސީއީއޯ ވަނީ އޭނާގެ ޒައާމަތުގައި ސިޔާސީ އައްޑާއެއްގެ ގޮތުގައި ކުންފުނި ހިންގަން ފުރުސަތު ނުދެއްވާނެކަމުގެ މެސެޖު ފުރަތަމަ ހަފުތާގައިވެސް ދެއްވާފަ އެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ވިޓާލީގެ ފުރަތަމަ ހަފުތާގައި އެ ކުންފުނީގެ އިސް މަގާމަކަށް ގެންނެވި ފުރަތަމަ ބަދަލުންނެވެ. ސީއީއޯ ވިޓާލީ ވަނީ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމަށް އަހުމަދު ނާސިރު ހަމަޖައްސަވާފަ އެވެ. މި މަގާމަށް އޭނާ ހަމަޖެއްސުމަށްފަހު މިފްކޯ އިން ނެރުނު ބަޔާނެއްގައި ވިޓާލީ ވިދާޅުވެފައިވާ ގޮތުގައި ނާސިރު އެ މަގާމަށް އައްޔަން ކުރިއިރު އެ މަގާމަށް ކުރިމަތިލި އެހެން ފަރާތްތައް މަގާމަށް ނަގަން އެކި ދިމަދިމާލުން ސިޔާސީ ޕްރެޝަރުތައް އައި ކަމަށް ވިދާޅުވި އެވެ.

" އެކަމަކު ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތެއް ނުދެވޭނެ. އެފަދަ ކަންކަމަށް އޮންނާނީ ޒީރޯޓޮލޮރެންސް،" ވިޓާލީ ވިދާޅުވެފައިވެ އެވެ.

މިފްކޯ އެތެރޭގެ ގިނަ މައުލޫމާތު ތަކެއް އެނގޭ އިސްވެރިއަކު ވިދާޅުވި ގޮތުގައި ހިންގަން އެނގޭ ވެރިއެއްނަމަ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ހިންގުން ސީއީއޯ / އެމްޑީގެ ބެލުމުގެ ދަށުން ފަށައިގަންނާނެ ކަމަށާ އެ ސިފަތައް އާ ސީއީއޯގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެކި ފަރާތްތަކުން އަންނަ ޕްރެޝަރުތަކަށް ބޯ ނުލަނބާނެކަން އެނގިގެން ދިއުމަކީ ވެސް އާ ސީއީއޯގެ ފަރާތުން ފެނުނު ޕޮޒިޓިވް ނިޝާނެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

އޭނާ ވިދާޅުވީ މީގެ އިތުރުން ފިޝަރީޒް މިނިސްޓަރާއި ފިނޭންސް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތް ކުރަން ފެށުމަކީ ވެސް ކުރިމަގުގައި ކުންފުންޏަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި މިފްކޯ އިން މައުލޫމާތު ދިން ފަރާތުން ވިދާޅުވި އެވެ.

މިފްކޯގ އާ ސީއީއޯގެ މަގާމަށް ޑރ.ވިތާލީގެ ހަވާލުވެވަަޑައިގެންނެވި ވަގުތަކީ ވެސް އިއްތިފާގުން ރަނގަޅު ވަގުތެވެ. މަގާމު ދިންތަނާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވިޓާލީ ވަޑައިގަތީ މަސްވެެރިންގެ ދުވަހުގެ ހަރަކާތްތަކަށެވެ. އެ ތަނުން މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި މަސްވެރިންނާ ބައްދަލުވެ ގިނަ ވާހަކަ ތަކެއް އަމިއްލަ ފުޅަށް ވަނީ ހޯއްދަވާފަ އެވެ. ހަމަގައިމު ވެސް މިކަން ވެގެންދާނީ ކުންފުނީގެ މިޝްރާބު ފައްސިޔަ ކުރަން ހޯމްވޯކް ހައްދަވަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެކަމަކު މި ހުރިހާ ކަމަކާއެކުގައި ވެސް އާ ސީއީއޯ އަށް ގިނަ ގޮންޖެހުން ތަކެއް އެބަހުއްޓެވެ. އެކަމަކު ސަރުކާރުން މިފްކޯ މި ފަހަރު ރަނގަޅު ކުރަން ބޭނުންވާ ނިޔަތް އޮތްކަން ޔަގީންވުމަކީ އާ ސީއީއޯއާއެކު އޮތް އުންމީދެއް ކަމަށް ބުނެވިދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.