މި މައްސަލައާ ގުޅިގެން ފަޒީރު ސަސްޕެންޑުކުރިކަން މިއަދު އެމްޑަބްލިއުއެސްސީންވަނީ ހާމަކޮށްފަ އެވެ. އޭނާ ސަސްޕެންޑުކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން މިހާރު ހިނގަމުން އަންނަަ ތަހުގީގަށް އެއްބާރުލުންދިނުމުގެ ގޮތުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއްގެ މައްޗަށް ބިނާކޮށް ގޯތި ދޫކޮށްފައިވާ މައްސަލައާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ފަޒީލް ރަޝީދު ސަސްޕެންޑުކޮށްފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ ފަޒީލަކީ ހުޅުމާލެއިން ގޯތި ލިބުނު، ބިންވެރިޔާ ސްކީމުގައި ނަން ނުހިމެނޭ އެކެކެވެ. އޭނާއަށް ގޯތި ލިބިގެން އެ ގޯތީގެ އިންފާރު ރޭނުމުގެ ހުއްދަ ދިނުމަށް އޭނާއަކީ ލިސްޓުގައި ނަން އޮތް މީހެއްތޯ ބަލަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދުނެވެ.
އެޗްޑީސީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ފަޒީލަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ނޫން ކަމަށެވެ. އޭނާ ބިންވެރިޔާއަށް ކުރިމަތިލި ނަމަވެސް އޭނައަކީ އެ ސްކީމުގެ ޝަރުތު ފުރިހަމަވާ މީހެއް ނޫންކަމަށް އޮތީ ކަނޑައަޅާފަ އެވެ.
އެ މައްސަލައިގައި ފޯޖުކޮށްގެން ލިޔެކިޔުން ތައްޔާރުކުރުމުގެ ތުހުމަތުގައި ފުލުހުން ޖިނާއީ ތަހުގީގެއްވަނީ ފަށާފަ އެވެ. ފަޒީލު ހުށަހަޅާފައިވާ ބިންވެރިޔާ ސްކީމުގެ އެއްބަސްވުން ލީކުވެފައިވާއިރު، އެ އެއްބަސްވުމުގައި އޮތް ސޮޔަކީ ފޯޖުކޮށްފައިވާ ސޮއެއްކަމަށް ތުހުމަތުވެފައިވެ އެވެ. އަސްލު އެއްބަސްވުންތަކުގައި ގާނޫނީ ވަކީލެއްގެ ނޯޓަރީ ތައްގަނޑު އޮތް ނަމަވެސް އެ އެއްބަސްވުމުގައި އެފަދަ ތައްގަނޑެއް ނެތެވެ.
މި މައްސަލައާ ގުޅިގެން ފަޒީރު ސަސްޕެންޑުކުރިކަން މިއަދު އެމްޑަބްލިއުއެސްސީންވަނީ ހާމަކޮށްފަ އެވެ. އޭނާ ސަސްޕެންޑުކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން މިހާރު ހިނގަމުން އަންނަަ ތަހުގީގަށް އެއްބާރުލުންދިނުމުގެ ގޮތުންނެވެ.
މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީން ވަކި ގޮތެއް ނިންމަންދެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއާމަން އަހްމަދު ނާސިފު ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ނާސިފު ޗެއާމަނުގެ މަަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އޭގެ ކުރިން އެޗްޑީސީގެ ޗެއާމަން ކަމުގައި ހުންނެވި ކުރީގެ މިނިސްޓަރު ޒުހޫރުވަނީ ބޯޑުގެ ޗެއާމަނުގެ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ފަޒުލްއާއި ދެ ބޭފުޅުންގެ މެދުގައި ދެބަސްވުން އުފެދިފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.
އަދި ބޯޑުގެ މެންބަރުންގެ އިތުރަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދުވެސް އޮފީހަށް ވަޑައިނުގެންނެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާކަމަށް ޕީސީބީން ބުންޏެވެ.