"މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،" ފުލުހުން މިއަދު ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަކަށް ހުޅުމާލެއިން ގޯތިތަކެއް ދިންކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ތަހުގީގު ކުރަމުން ދަނީ ލިޔެކިޔުންތަކެއް ފޯޖުކޮށްފައިވާ މައްސަލައެއް ކަމަށް އެ ހިދުމަތުން ބުނެފި އެވެ.
ސޯޝަލް މީޑިޔާއަށް ލީކުވެފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ލިސްޓުގައި ގޯތި ހޯދުމަށް ކުރިމަތިލުމުން ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ބައެއް މީހުންނަށް ގޯތިދީ އެމީހުންނާއެކު ގޯތި ދިނުމުގެ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖަހާފައިނުވެ އެވެ.
ހައުސިން މިނިސްޓްރީންވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖެހުމަށް ގާނޫނީ ވަކީލުން ހޯދައިފަ އެވެ. އެ ސްކީމުގެ ދަށުން އެއްބަސްވުންތައް ހެދިއިރު އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުގައި ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ގޯތި ދޫކުރި ހުރިހާ އެއްބަސްވުމެއްގައި ނޯޓަރީ ތައްގަނޑު ހުންނާނެ ކަމަށެވެ.
އަދި ތައްގަނޑު ނުޖަހައި ހަދާފައިވާ އެއްބަސްވުންތަކަކީ ކުރީގެ ތާރީހު ޖަހައިގެން ފަހުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެއީ ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއްކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
މިގޮތަށް ހެދި އެއްބަސްވުންތަކުގެ ތެރެއިން މީސްމީޑިޔާއަށް ލީކުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދުގެ ކޮއްކޮ ފަޒީލް ރަޝީދަށް ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމާއެކު، އެގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްވެސް ލީކުވެފައިވެ އެވެ.
ކަންބޮޑުވުންފާޅުކޮށް ސޯޝަލް މީޑިއާގެ އެކްޓިވިސްޓް މުހައްމަދު ސައީދު ކޮށްފައިވާ ޕޯސްޓެއް އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައި ނެތްކަމަށެވެ. މި ދެ ސިޓީވެސް މީސްމީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. މި ސިޓީތަކުގެ ސައްހަކަމާމެދު މިހާތަނަށް އެޗްޑީސީން އެއްވެސް ބަހެއް ނުބުނެ އެވެ.
ނަމަވެސް ފުލުހުންވަނީ އެ މައްސަލައިގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު ތަހުގީގެއް ފަށާފައިވާކަމުގެ މައުލޫމާތު ރޭ މީޑިޔާތަކަށް ދީފަ އެވެ. "މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،" ފުލުހުން މިއަދު ބުނެފައިވެ އެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނިވަޑައިގަންނަވާހެން އެޗްޑީސީ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައިވެ އެވެ. ސަސްޕެންޑުނުކުރަނީ ކުންފުނީގެ ޗެއާމަންކަމާ މި މަހުގެ ހަވަނަ ދުވަހު ހަވާލުވެވަޑައިގެންނެވި އަހްމަދު ނާސިފު ދީދީ އެކަންޏެވެ.