ބޯ ގުނުން ހުއްޓާލާފަ ވިސްނަންވީ އާމްދަނީއަށް

ތަފާސް ހިސާބުތަކުން ފެންނަ ހަގީގަތަކީ އާމްދަނީ ދަށްވަމުންދާ ކަމެވެ. އެކަން ފެންނަމުން ދިޔަނަމަވެސް އެކަން ހައްލު ކުރަން ފިޔަވަޅެއް ނާޅަ އެވެ.

މާލެ އަށް ފޭބި ޓޫރިސްޓުންތަކެއް : ޓޫރިޒަމް އާމްދަނީ ދަށްވާކަން ފެންނަތާ ދުވަސް ވެއްޖެ

ރާއްޖޭގެ ޓޫރިޒަމްގައި އާއްމުކޮށް އަބަދުވެސް ދައްކަނީ ޓޫރިސްޓުން އަންނަ އަދަދުގެ ވާހަކަ އެވެ. މި ވާހަކައަކީ މިއަދަކު ދައްކާ ވާހަކައެއް ވެސް ނޫނެވެ. ކޮންމެ ވެރިކަމެއް އޮތަސް މި ވާހަކަ ދެއްކުންނޫން ކަމެއް ނުކުރެ އެވެ. މިދިޔަ ސަރުކާރަށް ބަލާއިރު އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަކީ މި ވާހަކަ އެންމެ ގިނައިން ދެއްކެވި އެއް ބޭފުޅާ އެވެ. އޭރު މި މިކަން އޮތީ ތަންފުކެއް މަތީގަ އެވެ. އެ ވެރިކަމުގައި އެމްއެމްޕީއާރުސީން ވެސް ވަކި "ޓޫރިޒަމް ޓާގެޓެއް" އަދި "ރައީސްގެ ޓޫރިޒަމް ޓާގެޓެއް" އޮތްއިރު "ޓޫރިޒަމް މިނިސްޓަރު" ވެސް އެހެން ޓާގެޓެއް ގެންގުޅުނެވެ. މި ހުރިހާ ކަމެއް ވެސް ބިނާވެފައި އޮތީ ޓޫރިސްޓުންގެ ބޯ ގުނުމުގެ މައްޗަށެވެ. މިހާރު ވެސް އެކަން އޮތީ އެ ގޮތުގަ އެވެ. މި ސަރުކާރުން ވެސް އެންމެ ގިނައިން ދައްކަނީ ޓޫރިސްޓުން އަންނަ އަދަދުގެ ވާހަކަ އެވެ. އެކަމަކު ޓޫރިޒަމް އާމްދަނީ އިތުރުކޮށް ޓޫރިސްޓުން ތިބޭ މުއްދަތު އިތުރު ކުރުމަކީ ސަރުކާރު ތަކުން މާބޮޑަށް ދައްކާހިތްވާ ވާހަކައަކަށް ނުވެ އެވެ. އާމްދަނީގެ ވާހަކައެއް ދައްކާއިރަށް މައްޗަށް ޖައްސާލަނީ ޓެކުހެނެވެ. މިކަން ތަކުރާރުވަމުންދާއިރު ތަފާސް ހިސާބު ތަކުން މިއަދު ކިޔައިދެނީ ޓޫރިސްޓުންގެ ބޯގުނަން ތިބެވެން ނެތް ކަމެވެ. ބޯ ގުނުން މަދުކޮށް އާމްދަނީ އިތުރު ކުރުމުގެ ވާހަކަ ފަށަން މި ދަނީ މަޖުބޫރު ވަމުން ކަމަށް ޓޫރިޒަމް ތަޖުރިބާކާރުން ބުނެ އެވެ. 

ޓޫރިޒަމް ސިނާއަތުގެ ހައްގުގައި މަސައްކަތް ކުރަން އުފެއްދި ޑެސްޓިނޭޝަން ފިއުޗާ ޖަމިއްޔާ އިން އެކުލަވާލި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ސީޒަން ވެގެންދާނީ މަތީ ފަންތީގެ ރިސޯޓްތަކަށް އާމްދަނީ އެންމެ ދަށް ދުވަސްވަރަށެވެ. އާއްމުކޮށް މަތީ ފަންތީގެ ރިސޯޓްތަކުގައި އޮކިއުޕެންސީ 95-80 ޕަސެންޓުގައި ހުރިނަމަވެސް މި އަހަރު ހުރީ 80 ޕަސެންޓު ދަށުގަ އެވެ. މި ބަދަލާއެކު ޓޫރިޒަމް އާމްދަނީ އަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ އެވެ. ޑެސްޓިނޭޝަން ފިއުޗާ ފަދަ ޖަމިއްޔާ ތަކުން މިއަދު މި ވާހަކަ ދެއްކިޔަސް ތަފާސް ހިސާބު ތަކުން މި މަންޒަރު ފެންނަން ފެށިތާ ލައްކަ ދުވަސް ވެއްޖެ އެވެ. މިދިޔަ 12 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް އެއްކޮށް ދިރާސާކޮށްލުމުން މި މަންޒަރު ވަރަށް ރީތިކޮށް ފެންނަން އެބައޮތެވެ. 

ޓޫރިޒަމް ސިނާއަތުގައި އެނދުތައް ފުރޭ މިންވަރު ނުވަތަ ޓޫރިޒަމް އޮކިއުޕެންސީ ދައްކާ ގޮތުން 2013 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގައި އެވްރެޖު އޮކިއުޕެންސީ ހުރީ 70.6 ޕަސެންޓުގަ އެވެ. ނަމަވެސް މި އަދަދު ދަށްވަމުން ގޮސް މިދިޔަ އަހަރު އޮކިއުޕެންސީ ވަނީ 60.6 ޕަސެންޓަށް ސޮއްސާލާފަ އެވެ. އޮކިއުޕެންސީ ހިސާބު ތަކުން ފެންނަން އޮތް ހަގީގަތަކީ 2013 ގެ ފަހުން އެއްވެސް އަހަރެއްގެ ނޮވެމްބަރު މަހަކު އޮކިއުޕެންސީ ނޮވެމްބަރު މަހު 70 ޕަސެންޓަށް އުފުލިފައެއް ނުވެ އެވެ. އެހެންވެ ނޮވެމްބަރު މަހުގެ އޮކިއުޕެންސީ މި އަހަރު ދަށްވުމަކީ ހަމައެކަނި މި އަހަރަށްވެގެން އުޅޭކަމެއް ނޫންކަން އެނގެ އެވެ. 

ޓޫރިޒަމް އޮކިއުޕެންސީ އަށް އައިސްފައިވާ ބަދަލު ކުއާޓާތައް ވަކިން ބަލާނަމަ މި ބަދަލު އަަދިމާބޮޑަށް ފެނެ އެވެ.  ކުއާޓަލީ މި ބަދަލު ވަކިން ބަލާނަމަ 2013 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓޫރިޒަމް އޮކިއުޕެންސީ ހުރީ 65.7 ޕަސެންޓުގައެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 54.2 ޕަސެންޓަށް ދަށްވެގެން ގޮސްފަ އެވެ. 

12 އަހަރުގެ ނޮވެމްބަރު މަހުގެ އޮކިއުޕެންސީ

  • 2013 - 70.6%
  • 2014 - 64.1%
  • 2015 - 58.8%
  • 2016 - 60.7%
  • 2017 - 62.9%
  • 2018 - 62.8%
  • 2019 - 59.5%
  • 2020 - 24.9%
  • 2021 - 68.8%
  • 2022 - 59.5%
  • 2023 - 60.6%

މިއީ އޮކިއުޕެންސީ ހުރި މިންވަރެވެ. ދެން އޮތީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސް އަށް އައިސްފައިވާ ބަދަލެވެ. މިއީ ޖުމްލަކޮށް ޓޫރިޒަމްގެ އާމްދަނީ އަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ބައެވެ. ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވާނަމަ ޓޫރިޒަމްގެ އާމްދަނީއަށް އަސަރު ކުރެ އެވެ. މި އަދަދުވެސް 12 އަހަރު ދުވަހަށް އަޅާކިޔާލާނަމަ ފެނިގެންދަނީ ބެޑްނައިޓްސް ވެސް އިތުރުވެފައި ނުވުމެވެ. މީގެ 12 އަހަރު ކުރިން 2013 ވަނަ އަހަރު ބެޑްނައިޓްސް ހުރީ 0.86 ރޭގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 1.90 ރޭގަ އެވެ. މި އަހަރުގެ މިދިޔަ މަހުގެ ޖުމްލަ އޮކިއުޕެންސީ ޓޫރިޒަމް މިނިސްޓްރީން ހާމަ ނުކުރާއިރު ބެލެވެނީ މިއަހަރު ދަށްވާނެ ކަމަށެވެ.

އެނދު އިތުރުވިވަރާ ބަލާއިރު ޓޫރިސްޓުން މަދު

ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީތަކުގެ އޮކިއުޕެންސީ އާއި ބެޑްނައިޓްސް މަތި ނުވެގެން ޝަކުވާ ކުރާއިރު މިދިޔަ 12 އަހަރުގެ ތެރޭގައި ޓޫރިސްޓު އެނދު ބޮޑު ތަނުން އިތުރު ވެގެން ގޮސްފައިވާ ކަމަށް ދައްކަ އެވެ. ޓޫރިސްޓު އެނދު އިތުރުވުމަކީ މުޅި ޖުމްލަ ޓޫރިޒަމްގެ އޮކިއުޕެންސީ އަށް އަސަރު ކުރާނެ ސަބަބެވެ. ސަބަބަކީ ޓޫރިސްޓު އެނދު އިތުރުވާ މިންވަރާ ބަލާއިރު ޓޫރިސްޓް އެރައިވަލްސް ނުވަތަ ޓޫރިސްޓުން އަންނަ އަދަދު މަތި ނުކުރެވުމެވެ. އަަހަރުން އަހަރަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވިޔަސް މިހާރު އެނދު ހުރި މިންވަރަށް ބަލާއިރު މިހާރު އަންނަނީ މަދު އަދަދެކެވެ. 

އެނދު އިތުރުވެގެން އައިސްފައިވާ ގޮތުން ފެންނަ މަންޒަރަކީ ޓޫރިޒަމްގެ އޮކިއުޕެންސީ އަށް ކުރާނެ އަސަރެވެ. ރާއްޖޭގައި 2013 ވަނަ އަހަރު ހުރީ ޖުމްލަ 136 ގެސްޓްހައުސް އެވެ. އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް ގެސްޓްހައުސްގެ އަދަދު ވަނީ 809 އަށް އިތުރުވެފަ އެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ އާމްދަނީ ދަށްވުމުގެ ވާހަކަ ދައްކާއިރު ގެސްޓްހައުސްތައް ބާރުލާފައި އިތުރުވުމަކީ ޓޫރިޒަމްގެ އާމްދަނީ އަށް އަސަރު ކުރާ އެއް ސަބަބު ކަމަށް ވޯލްޑް ބޭންކް އިން ވެސް ބުނެފައިވެ އެވެ. ވޯލްޑް ބޭންކުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރުނު ރިޕޯޓުގައި ވާ ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރަނީ %4.7 ގަ އެވެ. މިއީ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ވަރަށް ވުރެ %0.5 ދަށް މިންވަރެކެވެ. 

މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ގިނަ ޓޫރިސްޓްތަކުން މިހާރު، އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސް ތަކަށް އައުމެވެ. އެކަމަކު މި ވާހަކަ ޓޫރިޒަމް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ގަބޫލެއް ނުކުރި އެވެ. އެ މީހުން މި ވާހަކަ ގަބޫލު ނުކުރިޔަސް މިކަމުގެ ސަބަބުން ޖުމްލަ ޓޫރިޒަމްގެ އާމްދަނީ އަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ޓޫރިޒަމް އާމްދަނީ އިތުރު ކުރަން މިދިޔަ 12 އަހަރުތެރޭ އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމެވެ. ހަމައެކަނި އިތުރުވީ އެނދުތަކެވެ. ދެން ޓޫރިސްޓުންގެ ނަމްބަރެކެވެ. އާމްދަނީ އިތުރުވާނެ ޓޫރިޒަމްގެ "ކްރީމް" މާކެޓުތަކަށް އަޅައެއް ނުލެވެ އެވެ.

މާވަހަރު ބާޒާރުތަކަށް އަޅައެއް ނުލާ

ޖިއޯ ޕޮލިޓިސްގެ ރޯޅިއާއި އެހެނިގެން ސަބަބުތަކުގެ ސަބަބުން އެންމެ ގިނައިން ހަރަދު ކުރާ ޓޫރިޒަމް މާކެޓުތަކުގަ މާކެޓިން ހަރަކާތްތައް ހިންގި ނިސްބަތް މިދިޔަ 12 އަހަރުތެރޭގައިވެސް މަދެވެ. މީގެ އެއް މިސާލަކީ ރަޝިއާ މާކެޓެވެ. މިއީ ދިވެހި ޓޫރިޒަމްގެ މާވަހަރު ބާޒާރެވެ. އެކަމަކު މިދިޔަ 12 އަހަރުވެސް ދިވެހި ސަރުކާރުގެ އެއްވެސް ވަޒީރެއް އެ ގައުމަށް ރަސްމީ ދަތުރެއް ނުކުރެ އެވެ. ގުޅުމެއް ނުއުފައްދަ އެވެ. ދެން އެ ބާޒާރު ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟ ދެން އޮތީ ޗައިނާ އެވެ. އެމްޑީޕީ ސަރުކާރު އައިސް ޗައިނާއާ ދުރަށް ޖެހިލި އެވެ. ދެން އޮތީ އިންޑިޔާ ބާޒާރެވެ. މި ސަރުކާރު އައިސް އިންޑިއާއާ "ހާޑްވި" އެވެ.

މިދިޔަ ފަސް އަހަރު މާގިނަ އިންޑިއާ ޓޫރިސްޓުން އައިކަމަށް ފެނުނަސް ހަގީގަތުގައި އެ މާކެޓު ވެސް ރަނގަޅެއް ނޫނެވެ. އެންމެ ތިން ގަޑިއިރުގެ ރާސްތާއެއްގައި އޮތް ގައުމަކުން ދެ ލައްކަ މީހުން އައުމުން މިއީ ރަނގަޅުވުން ހެއްޔެވެ؟ އެ މާކެޓުގައި ވެސް ހަގީގަތުގައި އިސްތިހާރެއް ނުކުރެ އެވެ. 

ރިސޯޓްތަކުގެ އެނދު އިތުރުވެފައިވާ މިންވަރަށް ބަލާއިރުވެސް ފެންނަ ހަގީގަތަކީ ޓޫރިޒަމަށް އަސަރު ކުރުން ގާތް ކަމެވެ. ރާއްޖޭގައި 2013 ވަނަ އަހަރު 110 ރިސޯޓް ހިންގަމުން ދިޔަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 180 އަށް އިތުރުވެގެން ގޮސްފަ އެވެ. މިއާއެކު ޖުމްލަ އެނދު ވެސް ވަނީ އިތުރުވެފަ އެވެ. ރާއްޖޭގައި 2013 ވަނަ އަހަރު 28،000 ޓޫރިސްޓު އެނދު ހުރިނަމަވެސް މިހާރު 63،000 އެނދު އެބަހުއްޓެވެ. 

މި އަދަދަށް އެނދު އިތުރުވިނަމަވެސް ޓޫރިސްޓުން އިތުރު ވެފައިވަނީ ނިސްބަތުން މަދުންނެވެ. މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން އައިސްގެން ބެރު ޖެހިއިރު މި އަހަރު އެ އަދަދު ދެ މިލިއަނަށް އިތުރުވާނެ އެވެ. އެކަމަކު މި އަދަދަކީ ވެސް މިހާރު ޖުމްލަ އެނދު ހުރި މިންވަރުން ނިސްބަތުން ދަށް އަދަދެކެވެ. އެކަމަކު މިކަން މިހެން އޮތްނަމަވެސް މައި އެއާޕޯޓުގައި އެހާ ކެޕޭސިޓީ ނެތުމުން ޓޫރިސްޓް އެރައިވަލް މަތި ކުރެވޭނެ ގޮތެއް ނެތެވެ. މި ބަދަލު ގެނެވެން އޮތީ އަންނަ އަހަރު ވީއައިއޭ ހުޅުވިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އާމްދަނީ އިތުރު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ މިކަން ކުރަން ގައުމީ އެއާލައިންގެ ވަރުގަދަ ކުރަން ޖެހެ އެވެ. މިހާރު އެއާލައިންތަކުގެ ބޭރުގެ އެޖެންޓުންގެ އަތުގައި އޮތް ކޮންޓްރޯލުގެ ބައެއް ދިވެހިންނަށް ލިބެން ޖެހެ އެވެ. ދިވެހި ޓްރެވަލް ކުންފުނިތައް ބާރުވެރި ކުރުވޭން ޖެހެ އެވެ. މިއާއެކު އެމްއެމްޕީއާރުސީގެ މާކެޓިން ވެސް ވަރުގަދަ ކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.