ހުޅުމާލެއިން ގޯތިތަކެއް ވަގަށް ވިއްކިކަމުގެ ތުހުމަތު އަމާޒުވެފައިވަނިކޮށް އެޗްޑީސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި، ޗެއާމަން ފިޔަވައި އެހެނިހެން ބޯޑު މެންބަރުން ސަސްޕެންޑުކުރުމަށް ޕީސީބީން ނިންމާފައިވެ އެވެ.
ހުޅުމާލެއިން ގޯތިތަކެއް ވަގަށް ވިއްކިކަމަށް ތުހުމަތުވާ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށާފައިވަނިކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދާއި ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފި އެވެ.
އިއްޔެ މީސްމީޑިޔާއަށް ލީކުވި ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ސްކީމުގެ ދަށުން ބިން ނުލިބޭ ބައެއް ފަރާތްތަކަށް ބިން ދޫކޮށް، އެ ބިންތަކުގައި އިންފާރު ރޭނުމުގެ ހުއްދަ އެޗްޑީސީން ދީފައިވެ އެވެ. އެ ހުއްދަ ލިބުނު ފަރާތްތަކުގެ ތެރޭގައި ފަޒުލްގެ ބޭބެއެއްވެސް ހިމެނެ އެވެ.
އެ ފަރާތްތަކަށް ހުއްދަ ދިނުމަށްފަހު، އެއީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއްކަން ކަށަވަރުކުރުމަށް އެޗްޑީސީންވަނީ ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް އެ މިނިސްޓްރީން އެ ފަރާތްތަކަށް އެ ސްކީމުގެ ދަށުން އެއްވެސް ގޯއްޗެއް ނުލިބޭކަން އަންގާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ހިދުމަތުގެ އިތުރަށް އޭސީސީންވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން ރޭ ބޭއްވި ޕްރެސްއެއްގައި އެމްޑީ ފަޒުލްވަނީ އޭނާއަށް އަމާޒުވާ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ.
މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީން ވަކި ގޮތެއް ނިންމަންދެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއާމަން އަހްމަދު ނާސިފު ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ނާސިފު ޗެއާމަނުގެ މަަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އޭގެ ކުރިން އެޗްޑީސީގެ ޗެއާމަން ކަމުގައި ހުންނެވި ކުރީގެ މިނިސްޓަރު ޒުހޫރުވަނީ ބޯޑުގެ ޗެއާމަނުގެ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ފަޒުލްއާއި ދެ ބޭފުޅުންގެ މެދުގައި ދެބަސްވުން އުފެދިފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.
އަދި ބޯޑުގެ މެންބަރުންގެ އިތުރަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދުވެސް އޮފީހަށް ވަޑައިނުގެންނެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާކަމަށް ޕީސީބީން ބުންޏެވެ.