ގޯހެއް ނުހަދަން، ފުރިހަމައަށް ޒިންމާ އަދާކުރިން؛ ބޭބެއަށް ވުމަކީ އިއްތިފާގެއް: ފަޒުލް

"އަޅުގަނޑު އިންވޯލްމަންޓެއް މިއަކު ނެތް. ވަރަށް ސާފުކޮށް މި ދަންނަަވަނީ،" ތުހުމަތުތައް ދޮގު ކުރައްވާ ފަޒުލް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިންކަމަށް ތުހުމަތުވާ މައްސަލަ ހައުސިން މިނިސްޓްރީއަށް އިސްވެ ހުށައެޅީ ވެސް އެޗްޑީސީން ކަމަށާ އެ މައްސަލާ ގައި އެއްވެސް ގޯހެއް ހައްދަވާފައި ނުވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ސޯޝަލް މީޑިޔާއަށް ލީކުވެފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ލިސްޓުގައި ގޯތި ހޯދުމަށް ކުރިމަތިލުމުން ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ބައެއް މީހުންނަށް ގޯތިދީ އެމީހުންނާއެކު ގޯތި ދިނުމުގެ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖަހާފައިނުވެ އެވެ.

އެޗްޑީސީން މިރޭ ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާ އެ މައްސަލައިގެ ކަން ހިނގާ ދިޔަ ގޮތް ތަފްސީލު ކޮށް ދެއްވާފަ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ގޯތިތައް ހަވާލުކުރުމުގައި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ގޯތި ލިބޭ މީހުން ކަނޑައެޅުމަކީ އެޗްޑީސީން ކުރާ ކަމެއް ނޫން ކަމަށާ ހައުސިން މިނިސްޓްރީން އަންގާފައި ނުވާ މީހަކަށް ގޯތި ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މައްސަލަ އޮތް ކަމަށް ފާހަގަވީ ދެ ގޯއްޗެއް ގައި ކަމަށާ އެކަން ބަލާ ސާފު ކުރަން ހައުސިން މިނިސްޓްރީއަށް ހުށައެޅީވެސް އެޗްޑީސީން ކަމަށެވެ. 

"އަޅުގަނޑު އިންވޯލްމަންޓެއް މިއަކު ނެތް. ވަރަށް ސާފުކޮށް މި ދަންނަަވަނީ،" ތުހުމަތުތައް ދޮގު ކުރައްވާ ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ތަކުރާރު ކުރައްވާ ވިދާޅުވީ މައްސަލައަށް އަޅާނުލައްވާ އޮތީ ނޫން ކަމަށާ އެކަމުގައި އަދާކުރަން ޖެހޭ ޒިންމާ އެޗްޑީސީން ފުރިހަމައަށް އަދާކޮށްފައިވާ ކަމަށެވެ. ކުންފުންޏެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ މައުލޫމާތު ހުންނާނެ ކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ އެއްވެސް ކަމެއް އޮޅުވާލައްވަން ބޭނުންނުވާ ކަމަށާ އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށެވެ.

އަދި މަގާމުގައި ދެމި ހުންނެވީ ގޯހެއް ނުހައްދަވާ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާ މަގާމުގައި ހުންނެވީ އިތުބާރާ އެކު ކަމަށެވެ.

ތައްގަނޑު ނުޖަހައި ހަދާފައިވާ އެއްބަސްވުންތަކަކީ ކުރީގެ ތާރީހު ޖަހައިގެން ފަހުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާ އެއީ ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް އެ ސްކީމުގެ ދަށުން އެއްބަސްވުންތައް ހެދިއިރު އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުގައި ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ. މިގޮތަށް ހެދި އެއްބަސްވުންތަކުގެ ތެރެއިން މީސްމީޑިޔާއަށް ލީކުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދުގެ ކޮއްކޮ ފަޒީލް ރަޝީދަށް ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމާއެކު، އެގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްވެސް ލީކުވެފައިވެ އެވެ. 

އެކަމަށް އިޝާާރާތް ކުރައްވާ ފަޒުލް ވިދާޅުވީ އެކަމުގައި ވެސް އޭނާ ގޯހެއް ހައްދަވާފައި ނުވާނެ ކަމުގަ އެވެ. އޭނާއާ ގުޅުވާ ދޮގު ތުހުމަތުކޮށް ވާހަކަ ދައްކަނީ ސިޔާސީ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ އާއިލާ މީހުން ވެސް އެކިއެކި ކަންކަމުގައި ހިދުމަތަށް އެދޭނެ ކަމަށެވެ. އެކަމަކު ތަފާތުކޮށް އުސޫލުން ބޭރުން ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ތީގަ ބޭބެއަށް ވުމަކީ އިއްތިފާގެއް. މީގައި އަޅުގަނޑުގެ އިޝޫއެއް ނެތޭ،" ފަޒުލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.