ފުލުހުން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިންކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގަށް ފުލުުހުންގެ ހާއްސަ ޓީމެއް އެޗްޑީސީގެ ހެޑް އޮފީހަށް ވަދެ ތަހުގީގަށް މައުލޫމާތު އެެއްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެޗްޑީސީގެ ހެޑް އޮފީހަށް ވަދެ ފާސްކުރަން ފަށާފަ އެވެ.
ފުލުހުން އެކަމުގެ ތަފްސީލެއް ނުދެ އެވެ. ނަމަވެސް ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށެވެ.
ސޯޝަލް މީޑިޔާއަށް ލީކުވެފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ލިސްޓުގައި ގޯތި ހޯދުމަށް ކުރިމަތިލުމުން ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ބައެއް މީހުންނަށް ގޯތިދީ އެމީހުންނާއެކު ގޯތި ދިނުމުގެ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖަހާފައިނުވެ އެވެ.
ހައުސިން މިނިސްޓްރީންވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖެހުމަށް ގާނޫނީ ވަކީލުން ހޯދައިފަ އެވެ. އެ ސްކީމުގެ ދަށުން އެއްބަސްވުންތައް ހެދިއިރު އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުގައި ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ގޯތި ދޫކުރި ހުރިހާ އެއްބަސްވުމެއްގައި ނޯޓަރީ ތައްގަނޑު ހުންނާނެ ކަމަށެވެ. އަދި ތައްގަނޑު ނުޖަހައި ހަދާފައިވާ އެއްބަސްވުންތަކަކީ ކުރީގެ ތާރީހު ޖަހައިގެން ފަހުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެއީ ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއްކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
މިގޮތަށް ހެދި އެއްބަސްވުންތަކުގެ ތެރެއިން މީސްމީޑިޔާއަށް ލީކުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދުގެ ކޮއްކޮ ފަޒީލް ރަޝީދަށް ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމާއެކު، އެގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްވެސް ލީކުވެފައިވެ އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައި ނެތްކަމަށެވެ. މި ދެ ސިޓީވެސް މީސްމީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. މި ސިޓީތަކުގެ ސައްހަކަމާމެދު މިހާތަނަށް އެޗްޑީސީން އެއްވެސް ބަހެއް ނުބުނެ އެވެ.
މިފަދަ ކަމެއް ހިނގިއިރު ބިންވެރިޔާގެ ދަށުން ދޫކުރި ގޯތިތަކާއި އެ ނޫންވެސް މާލެއާ ހުޅުމާލޭގެ ގޯތިތަކާއި އެ ނޫންވެސް މުހިންމު އެތައް ކަމަކާ ގުޅޭ ލިޔެކިޔުންތައް ހުރި ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ އަނދާ ހުލިވެފަ އެވެ.