ފުލުހުން މިއަދު ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ދުންފަތުގެ ގާނޫނަށް އިސްލާހު ގެނެސް ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕުކުރުމަށް ބޭނުންކުރާ އާލަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ވޭޕުކުރަން ބޭނުންކުރާ އެއްޗެއް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެއިން އެއްޗެއް ހިލޭ ކުޑަކުއްޖަކަށް ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
އޭގެ އިތުރަށް ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ހިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް ހަމަ އެފަދައިން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ ކަމަށާ މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ޖޫރިމަނާގެ އަދަދަކީ 20،000 ރުފިޔާ ކަމަށް ވެސް ބުންޏެވެ.
މި ޖޫރިމަނާ ކޮށްފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި އެއްގޮތަށް
ދުންފަތް ކޮންޓުރޯލުކުރުމުގެ ގާނޫނަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލީހުން ފާސްކޮށް 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގައި އަމަލުކުރަން ފެށި ގާނޫނެކެވެ. މި ސަރުކާރުން ހުށަހަޅައިގެން 20 ވަނަ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނަށް އަމަލުކުރަން ފެށިފަހުން 14 އަހަރު ތެރޭ ފުރަތަމަަ ފަހަރަށް ގެނައި އިސްލާހެވެ.