ބިންވެރިޔާ ލިސްޓުގައި ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިންކަމަށް ތުހުމަތުވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަކަށް ހުޅުމާލެއިން ގޯތިތަކެއް ދިންކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިޔާއަށް ލީކުވެފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބިންވެރިޔާ ލިސްޓުގައި ގޯތި ހޯދުމަށް ކުރިމަތިލުމުން ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ބައެއް މީހުންނަށް ގޯތިދީ އެމީހުންނާއެކު ގޯތި ދިނުމުގެ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖަހާފައިނުވެ އެވެ.
ހައުސިން މިނިސްޓްރީންވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާ އެއްބަސްވުންތަކުގައި ނޯޓަރީ ތައްގަނޑު ޖެހުމަށް ގާނޫނީ ވަކީލުން ހޯދައިފަ އެވެ. އެ ސްކީމުގެ ދަށުން އެއްބަސްވުންތައް ހެދިއިރު އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުގައި ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ގޯތި ދޫކުރި ހުރިހާ އެއްބަސްވުމެއްގައި ނޯޓަރީ ތައްގަނޑު ހުންނާނެ ކަމަށެވެ.
އަދި ތައްގަނޑު ނުޖަހައި ހަދާފައިވާ އެއްބަސްވުންތަކަކީ ކުރީގެ ތާރީހު ޖަހައިގެން ފަހުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެއީ ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއްކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
މިގޮތަށް ހެދި އެއްބަސްވުންތަކުގެ ތެރެއިން މީސްމީޑިޔާއަށް ލީކުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދުގެ ކޮއްކޮ ފަޒީލް ރަޝީދަށް ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމާއެކު، އެގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްވެސް ލީކުވެފައިވެ އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައި ނެތްކަމަށެވެ. މި ދެ ސިޓީވެސް މީސްމީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. މި ސިޓީތަކުގެ ސައްހަކަމާމެދު މިހާތަނަށް އެޗްޑީސީން އެއްވެސް ބަހެއް ނުބުނެ އެވެ.
ނަމަވެސް ފުލުހުންވަނީ އެ މައްސަލައިގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު ތަހުގީގެއް ފަށާފައިވާކަމުގެ މައުލޫމާތު މީޑިޔާތަކަށް ދީފަ އެވެ. އަދި ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެޗްޑީސީގައި ހަރަކާތްތެރިވަމުންނެވެ.