އައްޑޫގައި އިރުގެ އަވިން ހަކަތަ އުފެއްދުމަށް 2022 ގައި ހެދި އެއްބަސްވުން ފެނަަކައިން ބާތިލުކުރި ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އައްޑޫގައި އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމަށް 2022 ވަނަ އަހަރު ފިއުޗާ ސައިނާޖީސް ނަމަކަށް ކިޔާ ކުންފުންޏަކާ ފެނަކައާ ދެމެދު އެކުލަވައިލި އެއްބަސްވުން ފެނަކައިން ބާތިލުކުރި މައްސަލައާމެދު ސިވިލް ކޯޓުން ގޮތެއް ނިންމަންދެން އެ އެއްބަސްވުން ބާތިލުކުރަން ނިންމި ނިންމުމަށް އަމަލުނުކުރަން އެ ކޯޓުން އަމުރުކޮށްފި އެވެ.
މިފަދައިން ކޯޓުން އަމުރުކުރީ ފިއުޗާ ސައިނާޖީސް ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ މައްސަލަ ނިމެންދެން ފެނަކައިގެ ނިންމުމަށް އަމަލުކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެ ކުންފުނިން އެދުމާ ގުޅިގެންނެވެ.
ސައިނާޖީސްއިން ހުށަހަޅާފައިވާ ދައުވާގެ މައުޟޫއީ މައްސަލައަށް ގޮތެއް ނިންމުމާ ހަމައަށް އެއްބަސްވުން ބާތިލުކޮށް ފޮނުވި ސިޓީއަށް އަމަލުނުކުރުމަށާއި، އެ ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަދި އެ އެއްބަސްވުމުގައި އެކުލެވޭ މަޝްރޫއުގެ މައްޗަށް އިތުރު ތިންވަނަ ފަރާތެއްގެ ހައްގު އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްދޭން އެ ކުންފުނިން ކޯޓުގައި އެދުނެވެ.
އެ ކުންފުނިން ބުނެފައިވަނީ އެއްބަސްވުން ބާތިލުކުރި ސަބަބެއްކަމަށް ފެނަކައިން ފާހަގަކުރީ 31 ޖަނަވަރީ 2024 އާ ހަމައަށް މަޝްރޫއަށް ބޭނުންވާ ފައިސާ ކަށަވަރުކުރެވުނު ކަމުގެ ހެކި ހުށަހަޅާފައި ނެތުންކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައިވަނީ އެ ހެކި ހުށަނޭޅުމަކީ އެއްބަސްވުން ބާތިލުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރީ އެއްބަސްވުމަށް 15 މާޗު 2023 ގައި ގެނެސްފައިވާ ބަދަލުގެ ދަށުން އެ ކުންފުނިން ފައިނޭންސް ހަމަޖެހުނު ކަމުގެ ހެކި ހުށަހަޅަންޖެހޭނީ 15 މާޗު 2024 ގެ ކުރިން ކަމަށާއި، އެހެންކަމުން 31 ޖަނަވަރީ 2024 ގެ ކުރިން އެ ހެކި ހުށަނާޅައިގެން އެއްބަސްވުން ބާތިލުނުކުރެވޭނެ ކަމަށެވެ.
އަދި ހެކި ހުށަނާޅާ ހާލަތުގައި ދޭންޖެހެނީ ޑެފޯލްޓު ނޯޓިސްއެއް ކަމަށާއި، އެ ނޯޓިސް ދެވޭނީވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކޮމާޝަލް އޮޕަރޭޝަން ޑޭޓް ނުވަތަ 15 މާޗު 2024 އިން ފެށިގެން އެއް އަހަރު ފުރުމުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެއްބަސްވުން ބާތިލުކުރީ އެއްބަަސްވުމާ ހިލާފަށްކަން ފާހަގަކޮށް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ފެނަކަ ކިބައިން އެދުމުން އެކަމަށް ފެނަަކައިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ފިއުޗާ ސައިނާޖީސްއިން ކޯޓުގައި ބުނެފަައިވެ އެވެ.
އެ މަައްސަލާގައި ކޯޓުން ބުނެފައިވަނީ އެ މައްސަލާގައި ސައިނާޖީސް ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް މިހާރުވެސް އަދާކުރަމުންދާތީ އެ މައްސަލައަކީ ރަނގަޅަށް ޖަދަލުކުރެވޭ ފަދަ މައްސަލައެއްކަމަށް ބުރަވެވޭ ކަމަށެވެ. އަދި މަޝްވަރާކުރަން ކުންފުނިން ދިން ދައުވަތު ފެނަކައިން ގަބޫލުނުކުރުމުން ޝަރީއަތުން ނޫނީ ހައްލެއް ހޯދެން ނެތްކަންވެސް އެނގޭ ކަމަށެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި ސައިނާޖީސްއިން އެދޭ ގޮތަށް މައްސަލަ ކޯޓުން ނިންމާ ހާލަތުގައި އެ ހުކުމް ތަންފީޒުކުރެވޭނެ ގޮޔތެއް ނެތުމުން އެ ކުންފުންޏަށް ވަގުތީ އަމުރަކަށް އެދުމަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް އޮތްކަމަށެވެ.
އަދި ވަގުތީ އަމުރު ނުނެރެފިނަމަ ސައިނާޖީސް ކުންފުނީގެ އަގު ވެއްޓި، ބައިނަލްއަގުވާމީ ޓެންޑާތަކުގައި ބައިވެރިވުމަށް ހުރަސްއެޅިދާނެކަމަށާއި އެކަމުން ލިބޭ ގެއްލުމަކީ ފައިސާއިން އަގުކޮށް ބަދަލުދެވިދާނެ ގެއްލުމެއް ނޫންކަަމަށް ކޯޓަށް ގަބޫލުކުރެވޭކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
އަދި މި އެއްބަސްވުމުގެ ދަށުން އަހަރަކު 1.6 މިލިއަން ޑޮލަރު އަދި އެއްބަސްވުމުގެ މުއްދަތުކަމަށްވާ 20 އަހަރުން 33.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެ ކަމަށާއި، އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލުކޮށްފިނަމަ އެ އާމްދަނީ ގެއްލުމަކީ އެ ކުންފުންޏަށް ލިބޭނެ ގެއްލުމެއް ކަމަށްވެސް ކޯޓުން ބުނެފައިވެ އެވެ.
ސައިނާޖީސްއިން 7.2 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓެއް ހޯދާފައިވާކަން ފާހަގަކޮށް ކޯޓުން ބުނެފައިވަނީ އެއްްބަސްވުން ބާތިލުކޮށްފިނަމަ އެ އިންވެސްޓުމެންޓު ގެއްލި، އިންވެސްޓަރުންގެ ކުރިމަތީގައި އެ ކުންފުނީގެ އަގު ވެއްޓޭނެ ކމަަށެވެ.
އަދި ވަގުތީ އަމުރެއް ނެރުމުން ފެނަކައަށް ލިބޭނެ އެއްްވެސް ގެއްލުމެއް ނެތްކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ. އެއާއެކު އެ ކޯޓުންވަނީ ސައިނާޖީސްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ފެނަކައިން ފޮނުވި ސިޓީއަށް އަމަލުނުކުރުމަށް އަމުރުކޮށްފަ އެވެ.