ގެއްލުނު މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާރޗް އޮޕަރޭޝަން ގައި ބަލާފައިވެ އެވެ.
އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ބޯޓެއްގައި މަސައްކަތްކުރާ މީހަކު ކަނޑަށް ވެއްޓި ގެއްލުމުން އޭނާ ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
މީހަކު ގެއްލުނީ އައްޑޫން މާލެއަށް ދަތުރކުރަމުން އައި ސީމެކްސް ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ގެއްލުނު މީހާއަކީ އަވައްޓެރި ނޭޕާލަށް ނިސްބަތްވާ ރާޖް ކުމާރު ކިޔާ މީހެކެވެ. ފުލުހުން އޭނާގެ އުމުރު ހާމަނުކުރެ އެވެ.
ރާޖު ކުމާރު ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ. ގެއްލުނު ސީދާ ވަގުތެއް ފުލުހުން ނުބުނެ އެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުން ރާޖު ކުމާރު ގެއްލުނީ އައްޑޫ ސިޓީން ފުރައިގެން ދަތުރުކުރި މަގުމަތީ އައްޑޫއާއި ފުވައްމުލައް ސިޓީގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދަށެވެ. އޭނާ ގެއްލުނުއިރު ބޯޓު އޮތީ ފުވައްމުލަކާ އަށްވަރަކަށް މޭލު ދުރުމިނުގަ އެވެ.
ރާޖު ކުމާރު ހޯދުމަށް ގައުމީ ދިފާއީ ބާރުން މިހާރު މަސައްކަތް ކުރަމުންދާއިރު، ފުލުހުން ދަނީ އޭނާ ގެއްލުނު މައްސަލަ ތަހުގީގުކުރަމުންނެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާރޗް އޮޕަރޭޝަން ގައި ބަލާފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށާ އަދިވެސް ގެއްލުނު މީހާ ފެނިފައިނުވާ ކަމަށް ވެސް ބުންޏެވެ.