ކްރިމިނަލް ކޯޓުންވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުވާވަރަށް ހެކި ހުރިކަމަށް ކަނޑައަޅާ، އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މީގެ އިތުރުން ކްރިމިނަލް ކޯޓުންވަނީ 100،000ރ. އިން އޭނާ ޖޫރިމަނާކޮށްފަ
ދަށުކޯޓުގެ ޝަރީއަތަށް ކޮންމެހެން ހާޒިރުކުރަންޖެހޭ ހެއްކެއް ހާޒިރުނުކުރަން ނިންމި ނިންމުން ގޯސްކަމަށް ކަނޑައަޅާ، މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއު އުމުރުދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ސްރީ ލަންކާއިން އެނބުރި ރާއްޖެ އައުމަށްފަހު މާލެ ފޭބި ވަގުތު އޭނާއާމެދު ޝައްކު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޖަލުގައި ހުއްޓާ ދެދުވަހެއްގެ މަތިން 76 ގުރާމުގެ ޑައިމޯފިން ފެނިފައިވެއެވެ.
ޝަރީއަތުގެ މަރުހަލައިގާ ދައުވާއަށް އިންކާރުކޮށް ޝާފިއުވަނީ އެއީ އޭނާގެ ތަކެތި ނޫންކަމަށާއި، އޭނާ އެތަކެއްޗާއި ހަވާލުވީ މަޖުބޫރުން ކަމަށް ބުނެފައެވެ. އަދި ފުލުހުން އޭނާއަތުން އެތަކެތި ހޯދާފައިވަނީ ބިރުދައްކާ، ނުފޫޒުފޯރުވައިގެން ކަމަށްވެސް ބުނެފައިވީނަމަވެސް ކްރިމިނަލް ކޯޓުންވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުވާވަރަށް ހެކި ހުރިކަމަށް ކަނޑައަޅާ، އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މީގެ އިތުރުން ކްރިމިނަލް ކޯޓުންވަނީ 100،000ރ. އިން އޭނާ ޖޫރިމަނާކޮށްފައެވެ.
ޝާފިއުގެ ފަރާތުން މިހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރު ކުރެވޭނީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ކަނޑައަޅާފައިވާ ފަދައިން، ތަހުލީލު ކުރި ފަރާތް ޝަރީއަތަށް ހާޒިރު ކޮށްގެން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ ސައްހަކަމާމެދު ޝާފިއުގެ ފަރާތުން ސުވާލު އުފައްދާފައި ނުވިނަމަވެސް ތަހުލީލުކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ޝަރީއަތުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށާއި އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
އެހެންކަމުން ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ މަސްތުވާތަކެތި ތަހުލީލުކުރި އޮފިސަރު ޝަރީއަތަށް ހާޒިރުކޮށް، ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރުމާއެކު މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަނބުރާ ފޮނުވުމަށެވެ.