އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާއިރު، ގާނޫނު އަސާސީއަށް މަޖިލީހުން ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ
ގާނޫނު އަސާސީއާއި ހިލާފަށް އޮތްކަމަށްބުނެ ހައި ކޯޓަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ގާނޫނާބެހޭ ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެކޯޓުން ނިންމައިފިއެވެ. ކޯޓުން ހާމަކޮށަފައިވާ ގޮތުގައި އެމައްސަލަ ބަލައިނުގަންނަން ނިންމީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ބަޔާންކޮށް ގާނޫނުއަސާސީ އިސްލާހުކޮށްފައި ވުމާއެކު އެ މައްސަލައިގެ ބޭނުން ގެއްލިފައިވާތީ އެވެ.
މި އިސްލާހާއި ހަވާލާދީ އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާއިރު، ގާނޫނު އަސާސީއަށް މަޖިލީހުން ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. މިމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު، ކޯޓުންވަނީ މައްސަލަ ބަލައިގަނެފައެވެ.
ކޯޓަށް ހުށަހަޅާފައިވާ ބަދަލުތައް ގާނޫނު އަސާސީއަށް ގެނެސްފައިވަނީވެސް އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. 20 ނޮވެމްބަރުގައި މަޖިލީހަށް ހުށަހެޅުނު ބިލު، ހަމަ އެދުވަހު މަޖިލީހުން ފާސްކޮށް، އެދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އެބިލު ތަސްދީގު ކުރައްވާފައިވެއެވެ.