ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނި ގޮތުގައި ހައިވޭ ކައިރި ތޮއްޖެހި މަގު ބަންދުވީ ފުލުހުން އަމަލުކުރި ގޮތުން އަދި ކާރުތައް ޓޯކުރުމުގެ ސަބަބުން މާލީ ގޮތުން ޑްރައިވަރުންނާއި ކާރުތަކުގެ ވެރިންނަށް ގިނަގުނަ ގެއްލުންތައް ދަނީ ލިބެމުން
ފާއިތުވި ބުދަދުވަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ޑްރައިވަރުން މަގުތައް ބަންދުނުކުރާ ކަމަށާއި، އެ އިހުތިޖާޖާ ގުޅިގެން ގިނަ އަދަދެއްގެ ކާރު ޓޯކޮށްފައި އޮތުމުގެ ސަބަބުން ޑްރައިވަރުންނާއި ކާރުތަކުގެ ވެރިންނަށް ގިނަގުނަ މާލީ ގެއްލުންތައް ލިބެމުންދާކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނެފި އެވެ.
އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ބުދަދުވަހުގެ އިހުތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖެކެވެ. އަދި އެރޭ 8:30 ގައި އިހުތިޖާޖު ނިންމަައިލުމަށްފަހު ޑްރައިވަރުން ގެއަށް ނުވަތަ ދަތުރުތަކަށް ދާން ނުކުތުމުން ހައިވޭ ކައިރިން ޓްރެފިކް ބޮޑުވެ އާންމުންނަށް ދަތިވީ އެވަގުތު ފުލުހުން އަމަލުކުރި ގޮތުންކަމަށް ޓެކްސީ އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
"ފުލުހުން ތުހުމަތުކުރާ ގޮތަށް އާންމުންނަށް ދަތިކޮށް މަގުތައް ބަންދުކުރުމަކީ މިޖަމްއިއްޔާއިން އެއްވެސް ވަރަކަށް ތަރުހީބުދީ ހިތްވަރުދޭނެ ކަމެއް ނޫން. އަދި އަމަލެއް އެ މުޒާހަރާގައި ހިންގާފައެއްވެސް ނުވޭ.،" މުޒާހަރާއަށްފަހު އެއްފަހަރާ ގިނަ ކާރުތަކެއް މަގުމައްޗަށް ނުކުތުމުން އާންމުންނަށް ދިމާވި ދަތިތަކާމެދު މައާފަށް އެދުމާއެކު މަގު ބަންދުކުރިކަމުގެ ތުހުމަތު ދޮގުކުރަމުން އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
އެ މުޒާހަރާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ކާރު ޓޯކޮށްފައިވާތީ އެކަން ކުށްވެރިކުރުމާއެކު ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ފާހަގަކުރީ، އިންޒާރެއް ދިނުމެއް ނެތި ގިނަ ދުވަހަށް ކާރުތައް ހިފަހައްޓާފައިވާތީ ކާރުތަކުގެ ވެރިންނާއި ޑްރައިވަރުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއީ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައެއްގައި އަމަލުކުރަންވާނެ ގޮތެއް ނޫންކަމަށްވެސް ޑްރައިވަރުން ބުނެ އެވެ.
"އަދި މިއަދާ ހަމައަށްވެސް މީގެ ތެރެއިން ބައެއް ޓެކްސީ ޑްރައިވަރުންނަށް އަދިވެސް ކާރު ހިފަހެއްޓެވި ސަބަބު އަންގާފއިނުވާކަަން ފާހަގަކުރަން. މުޒާހަރާ ފެށުނު ވަގުތުވެސް ފުލުހުންވަނީ މުޒާހަރާއަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިކަން މި ފުރުސަތުގައި ފާހަގަކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނީ ޓެކްސީ ހިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް ޑްރައިވަރުން ހުށަހެޅި ކަންކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. އެގޮތުން މާލޭގައި ދަތުރުކުރަން ހުރި ގޮންޖެހުންތައް އެތައް ބައްދަލުވުމެއްގައި ހިއްސާކޮށްފައިވާނެކަން ފާހަގަކޮށް ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނީ އެ ދަތިތަކީ ހަމައެކަނި ޑްރައިވަރުންގެ ސަބަބުން މެދުވެރިވާ ކަންކަން ކަމުގައި ދޭހަވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށެވެ.
ވަޒީފާ އަދާކޮށް އާމްދަނީ ހޯދުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބޭ ހައްގެއްކަން ފާހަގަކޮށް، އެ ހައްގަށް އުނިކަން އަންނަ ގޮތަށް ޑްރައިވަރުން އާމްދަނީ ހޯދަން ބޭނުންކުރާ ވަސީލަތްކަމަށްވާ ކާރުތައް ހިފަހައްޓާފައި ހުރި ހުރުން ނިމުމަކަށް ގެންނަން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނާއި ޓޯކުރި އުޅަނދުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި އިދިކޮޅު އެމްޑީޕީގެ ގާނޫނީ ޓީމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް ޓެކްސީ ޑްރައިވަރުންވަނީ އެ ޕާޓީއަށް ޝުކުރު އަދާކޮށްފައ އެވެ.
ފުލުހުން އަމަލުކުރި ގޮތް ރަގަޅު.