އައްޑޫން މާލެއަށް ދަތުރުކުރަމުން އައި ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔަކީ ނޭޕާލަށް ނިސްބަތްވާ ރާޖް ކުމާރު ކިޔާ މީހެކެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފުން ދަނީ މަސައްކަތްކުރަމުންނެވެ.
އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ބޯޓެއްގައި މަސައްކަތްކުރާ މީހަކު ކަނޑުމައްޗަށް ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މީހަކު ގެއްލުނީ އައްޑޫން މާލެއަށް ދަތުރކުރަމުން އައި ސީމެކްސް ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ގެއްލުނު މީހާއަކީ އަވައްޓެރި ނޭޕާލަށް ނިސްބަތްވާ ރާޖް ކުމާރު ކިޔާ މީހެކެވެ. ފުލުހުން އޭނާގެ އުމުރު ހާމަނުކުރެ އެވެ.
ރާޖު ކުމާރު ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ. ގެއްލުނު ސީދާ ވަގުތެއް ފުލުހުން ނުބުނެ އެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުން ރާޖު ކުމާރު ގެއްލުނީ އައްޑޫ ސިޓީން ފުރައިގެން ދަތުރުކުރި މަގުމަތީ އައްޑޫއާއި ފުވައްމުލައް ސިޓީގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދަށެވެ. އޭނާ ގެއްލުނުއިރު ބޯޓު އޮތީ ފުވައްމުލަކާ އަށްވަރަކަށް މޭލު ދުރުމިނުގަ އެވެ.
ރާޖު ކުމާރު ހޯދުމަށް ގައުމީ ދިފާއީ ބާރުން މިހާރު މަސައްކަތް ކުރަމުންދާއިރު، ފުލުހުން ދަނީ އޭނާ ގެއްލުނު މައްސަލަ ތަހުގީގުކުރަމުންނެވެ.