ފިޔަވަޅުތަކާއެކު ކޯޓާ ފީއިން ލިބުނު އާމްދަނީ %45 އިތުރުވެއްޖެ

ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކާއެކު ކޯޓާ ފީގެ އާމްދަނީގެ ގޮތުގައި ފާއިތުވި އަހަރު ލިބުނު އަދަދަށްވުރެ އިތުރަށް 118 ވަރަކަށް މިލިއަން ރުފިޔާ މި އަހަރު ލިބިފައިވާކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންތަކެއް: ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި -- ދަ މިރާ

ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީތައް ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އަޅަން ފެށުމާއެކު ކޯޓާ ފީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ %45 އިތުރުވެއްޖެ އެވެ. 

ސަރުކާރު ބަދަލުވުމަށްފަހު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އުފައްދައި ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓުކުރުމާ ގުޅޭ ހުރިހާ އިދާރާތަކެއް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވުނެވެ. ބިދޭސީންނާ ގުޅުންހުރި ހުރިހާ މައްސަލައަކަށް ވަށާޖެހޭ ހައްލެއް ހޯދުމަށް މިނިސްޓްރީން ފެށި މަސައްކަތްތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު ދައްކަންޖެހޭ ކޯޓާ ފީ ނުދައްކާ މައްސަލަވެސް ހައްލުކުރަން މަސައްކަތް ފެށި އެވެ. 

އެގޮތުން ކޯޓާ ފީއާއި ފީ ނުދައްކައިގެންނާއި ބިދޭސީ މަސައްކަތްތެރިނާ ގުޅޭ ގޮތުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަަން ފުރިހަމަނުކުރާތީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރަން މިނިސްޓްރީން ފެށި އެވެ. އަދި ކޯޓާ ފީއާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް އެކްސްޕެޓު ޕޯޓަލުން ހިދުމަތް ދިނުން ހުއްޓައިލަން ނިންމި އެވެ. 

މި ނިންމުންތަކާއެކު ކޯޓާ ފީތައް ދައްކާ ނިސްބަތްވަނީ އިތުރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރާ އަޅާބަލާއިރު ކޯޓާ ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް އިތުރުވި އެވެ. 

ފާއިތުވި ނޮވެންބަރު މަހުގައި 51.3 މިލިއަން ރުފިޔާ ކޯޓާ ފީގެ ގޮތުގައި މީރާއަށް އެކި ފަރާތްތަކުން ދައްކާފައިވެ އެވެ. އަދި ޖަނަވަރީން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި 373.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ. 

ފާއިތުވި އަހަރުގެ އެ މުހުލަތުގައި ކޯޓާ ފީގެ ގޮތުގައި މީރާއަށް ބަލައިގަނެފައިވަނީ 256 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ކޯޓާ ފީގެ ގޮތުގައި 117.9 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ 45.4 އިންސައްތަ އިތުރު އަދަދެކެވެ. 

ތަންފީޒުކުރުމުގެ ތެރެއިން ހޯދޭނެ އިތުރު ބައެއް އާމްދަނީ ސަަރުކާރުން ހޯދި މިންވަރުވެސް އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ނިމުނު އަހަރު ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް 1.3 ބލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 1.5 ބިލިއަނަށް އިތުރުވެފަ އެވެ. އެއީ ނިމުނު އަހަރަށްވުރެ 9.4 އިންސައްތަ އިތުރު އަދަދެކެވެ. 

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ބަލައިގަތުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީރާއިން ފާހަގަކުރި ގޮތުގައި ދައުލަތަށް ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އިތުރުކުރުމަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުން ހަރުދަނާކުރަންޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.