މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުއާދަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވެވީ ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު. އީސީގެ ދައުރު ނިންމެވުމަށްފަހު ފުއާދު ހުންނެވީ ހާރިޖީވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ.
ދިވެހިރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރައްވައިފި އެވެ.
މި މަހު ނުވަވަނަ ދުވަހު ފުއާދު ތައިލޭންޑުގެ ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުއާދަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވެވީ ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ސަފީރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ފުއާދު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.
ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ. އަދި ވަރަށް އުދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއެކު ހިދުމަތްކުރެއްވުމުގެ ދިގު ރެކޯޑެއް ފުއާދުގެ އޮވެ އެވެ.
އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބާއި އޭގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެ ޕާޓީ ދެފަޅިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އިންތިހާބުގެ ހުރިހާ ކަމެއް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގައި ފުއާދުގެ ދައުރު ވަރަށް ބޮޑެވެ.
އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއި އެ ދުވަސްވަރު ކުރިމަތިލައްވަންޖެހުނު ޕްރެޝަރުތަކާއި އެއިރުގެ ސުޕްރީމް ކޯޓުން އޭނާއާމެދު ފިޔަވަޅުއެޅުން ފަދަ ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފުއާދު ތަޖުރިބާކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ފުއާދުގެ ދައުރު ހަމަވީ ނޮވެންބަރު 24 ވަނަ ދުވަހު އެވެ. އޭނާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އީސީގެ ދައުރު ހަމަވި ދުވަސް ނޫން އަނެއް ދުވަހު އެވެ.