މިއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ލަމްހާ ދޫކޮށްލި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ތިން މަހަށެވެ.
މަރުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
އެ މައްސަލަ ޕީޖީ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަންނަން ނިންމާފަ އެވެ. އެ ނިންމުމަށް ފަނޑިޔާރުންގެ މަޖިލީހުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
އެހެންވެ، ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމާއި ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމަށާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތު ކޮށްފަ އެވެ.
މިއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ލަމްހާ ދޫކޮށްލި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ތިން މަހަށެވެ. ނަމަވެސް ދައުލަތުން އެ އަމުރު ހައިކޯޓަށް ހުށަހެޅުމުން، އެކޯޓުން ވަނީ ލަމްހާ ބަންދު ކުރަން އަލުން އަމުރުކޮށްފަ އެވެ.
އޭރު ލަމްހާ ބަންދުން ދޫކޮށްލީ ތަކުރާރުކޮށް ބަންދުން ދޫކޮށްލައި ދިނުމަށް ލަމްހާގެ ފަރާތުން ކޯޓުގައި އެދެމުން ދަނިކޮށެވެ. ދެވަނަ ފަހަރަށް މިއަދު ވެސް ލަމްހާ ދޫކޮށްލާފައި ވަނީ ކުރިން ވެސް ބަޔާންކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށެވެ.
ލަމްހާ ބަންދުން ދޫކޮށްލިއިރު، މާވިން ހުރީ ބަންދުގަ އެވެ. ކުރިން ލަމްހާ ދޫކޮށްލިއިރު ވެސް މާވިންގެ ބަންދާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.
މި މަސައްލައިގައި އަދިވެސް ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މި ދެ މީހުންނާ ދެކޮޅަށް ދައުލަތުން ވަރަށް ގިނަ ހެކި ހުށަހަޅާފައިވެ އެވެ.