"ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ފުރާނައެއް ނެތް! ނިޔާވެފަ އޮތީ.. ހާރޓް އެޓޭކެއް ޖެހިގެން.."
- އެޕިސޯޑް 81 –
ސުހާގެ ހަޅޭކުގެ އަޑަށް ޒީމާ އާއި އީމާއަށް ކޮޓަރިން ނުކުމެވުނީ ދާދި އެއްކޮށެވެ. އީމާ އާއެކުގައި ވާރިޝް ވެސް ނުކުތެވެ. ލަސްނުކޮށް އެންމެން ވެސް ވަނީ ސުހާގެ ކޮޓަރިއަށެވެ.
ފެނުން މަންޒަރުން އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ޒީމާ ކުރިއަށް ފިޔަވަޅެއް ނަގައި ދުއްވައިގަތީ "ނަޒީރާ"އޭ ގޮވަމުންނެވެ. އީމާ އާއި ވާރިޝް ހުރި ފިޔަވަޅު މަތީގައި ހުއްޓިގެން ހުރެވުނީއެވެ. ވާރިޝް ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ. ވީ ކީއްކަން ނޭނގޭ ޙާލުގައެވެ.
"ނަޒީރާ... ކިހިނެއްތަ ވީ ނަޒީރާއަށް؟"
ޒީމާ ބަލައިލީ ނަޒީރާގެ ގާތުގައި ކުޑަކަކޫ ޖަހައިގެން ރޯން އިން ސުހާގެ މޫނަށެވެ. އެއްވެސް އެއްޗެއް ސުހާއަށް ބުނެވޭ ވަރެއް ނޫނެވެ.
"ގުޅާބަލަ ހޮސްޕިޓަލަށް.. ވަރަށް އަވަސްކޮށް.."
ޒީމާ އެހެން ބުނުމާ އެކުގައި އީމާ ފޯނު ނެގިއެވެ.
***
އޭޑީކޭ ހޮސްޕިޓަލްގައި ޑޮކްޓަރުގެ ޖަވާބެއްގެ އިންތިޒާރުގައި، ސުހާގެ ގާތުގައި އަޔާޒް ވެސް ހުއްޓެވެ. އޮފީހުން ވަރަށް އަވަސްކޮށް އަޔާޒް ހޮސްޕިޓަލަށް ދިޔައީ ލިބުން އެ ޚަބަރުންނެވެ. އެންމެންވެސް ތިބީ ހާސްވެފައެވެ. ސުހާ އަނެއްކާ ކަމެއް ކުރީބާއޭ ހިތާ، ވާރިޝް އިނީ ބިރުން ހަލާކުވާން ގާތްވެފައެވެ. އެއީ ސުހާ މީގެ ކުރިން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުންނެވެ. ސުހާ އެފަދަ ކަމެއް ވެސް ކޮށްފާނެ ތީއެވެ. އޭރުން ޑޮކްޓަރުންނަށް އެކަން ފާހަގަވެ، މިކަން ބޮޑު މައްސަލައަކަށް ވެދާނެތީއެވެ.
އެއްވެސް ޖަވާބެއް ސުހާގެ ފަރާތުން ނުލިބޭތީ އެންމެން ވެސް ޖެހުނީ ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ.
ކުއްލިއަކަށް ޒީމާ އާއި ވާރިޝްއަށް ކޮޅަށް ތެދުވެވުނެވެ. އެދެމީހުންނާއި އެކުގައި އަޔާޒް އާއި އީމާ ވެސް އަދި ސުހާ ވެސް ކޮޅަށް ތެދުވިއެވެ. ޑޮކްޓަރު ހިނގާފައި އައިސް ހުއްޓުނީ އެމީހުންގެ ތެރޭގައެވެ.
"ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ފުރާނައެއް ނެތް! ނިޔާވެފަ އޮތީ.. ހާރޓް އެޓޭކެއް ޖެހިގެން.."
ޑޮކްޓަރުގެ ޖުމުލައިން ސުހާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. "މަންމާ" އޭ ކިޔާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އަދި ހޮސްޕިޓަލްގެ ތެރެއަށް ސުހާ ބޮޑިއަކަށް ޖެހިގަންނަމުން ވަރަށް ބާރަށް ރޮމުން ގެންދިޔައެވެ. އަޔާޒް މަސައްކަތް ކުރަން ފެށީ ސުހާ ހަމައަކަށް އަޅުވާށެވެ.
ފަހަތަށް ފިޔަވަޅު ނަގަމުން ޒީމާ ގޮސް ޖެހިގަތީ ހޮސްޕިޓަލްގެ ފާރަށެވެ. އެންމެ ގާތް ރަޙްމަތްތެރިޔާގެ ވަކިވެ ދިޔުން އެއްވެސް ވަރަކަށް ޤަބޫލު ކުރާކަށް ޒީމާއަކަށް ފަސޭހައެއް ނުވިއެވެ. ޒީމާއަށް ރޯން ވެސް ނޭނގިފައި ފާރުގައި ލެނގިގެން ހުރެވުނީއެވެ. ޒީމާގެ ގާތުގައި އީމާ ހުއްޓެވެ.
ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި، ދާންވީ ދިމާލެއް ނޭނގިފައި ބުދެއްހެން ހުއްޓިގެން ވާރިޝް ހުރީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. ކުއްލިއަކަށް މި ދިމާވި ކަންތަކުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެކަމު މިކަން މިވެގެން ދިޔަ ގޮތް ސުހާއަށް އެންމެ ރަނގަޅަށް އެނގޭނެ ކަމާ މެދު ވާރިޝް އެއްވެސް ޝައްކެތް ނުކުރެއެވެ.
***
ނަޒީރާގެ ކަށުމަކާ ކެމީގެ ކަންތައް ނިމެއްޖެއެވެ. ނަޒީރާގެ ފިރިމީހާއަށް ނަޒީރާގެ ޖަނާޒާއަށް އާދެވުނީ ހަމަ ކިރިޔާއެވެ. މާލެ އައި ގޮތަށް ނަޒީރާގެ ފިރިމީހާ ދިޔައީ ވިޔަފާރި ކަމެއްގައި އެހެން ރަށަކަށެވެ. އެ ރަށުން މާލެ އާދެވުނީ ނަޒީރާގެ ޖަނާޒާ ނިމެން ގާތްވެފައި ވަނިކޮށެވެ. އެކަމުން ވެސް ސުހާއަށް ވަރަށް އަސަރު ކުރިއެވެ. އެއީ ނަޒީރާ މަރުވުމުގެ ކުރިން އޭނާ ދެއްކި ވާހަކަތކުންނެވެ. އެ ވާހަކަތަކާ ބައްޕަގެ އަމަލާ އެންމެ ފަހު ވަގުތު ވެސް ދިމާވީތީއެވެ.
މުޅި ގޭތެރެއިން ފެންނަނީ ފަޅު ކަމެވެ. ކޮންމެ މީހެއް ވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ، ތަޅުލައިގެން ތިބީއެވެ. ޒީމާ އަށް ހިތްވަރު ދޭން އޭނާގެ ފިރިމީހާ ހުއްޓާ ނުލާ މަސައްކަތް ކުރެއެވެ. ޒީމާ އާއި ނަޒީރާ އެކު އެކީގައި ހިއްސާ ކުރާނެ މާމަ ދަރީގެ އިންތިޒާރުގައި ތިއްބާ، ކަންތައް މި ދިމާވީ ޒީމާ އެއްވެސް ގޮތަކަށް އުއްމީދު ކުރި ގޮތަކަށް ނޫނެވެ.
ވާރިޝް އާއި އިމާ އެމީހުންގެ ކޮޓަރީގައި ތިބެ ދައްކަމުން ދިޔައީ ސުހާ އާއި ޒީމާ ދެރަވާނެ ވާހަކައެވެ. އަދި ނަޒީރާގެ ފިރިމީހާގެ އަމަލުތައް ހުރި ގޮތުގެ ވާހަކައެވެ.
"އަހަރެން ހަމަ ހައިރާންވޭ! ވައިފް ނިޔާވެގެން އުޅުން އިރު ވެސް، އެންމެ ފަހު ވަގުތު އެއައީ.. އަދި އައިސްފަ ވެސް ވަރަށް އަވަސް އަރުވާލައިގެން އުޅުންހެން ހީވަނީ.. ދެރަވެގެން އުޅޭ ކަމެއް ވެސް ނޭނގެ.. މޫނުމަތިން ވެސް ހީނުވޭ!"
އީމާ ބަލަން ހުރީ ވާރިޝްގެ މޫނަށެވެ.
"ތިހެން ހީވާ އެއްޗެހި ނުކިޔައްޗޭ އެހެން މީހުން ގާތު! އޭރުން މައްސަލައަކަށް ވެދާނެ.."
ވާރިޝް ހިފައިލީ އީމާގެ އަތުގައެވެ.
"އަހަރެން މި ކިޔަނީ ވާރިޝް ގާތުގަ އެއްނު؟ އެހެން މީހެއް ގާތު ނޫޅެން ބުނާކަށް ވެސް.. އަހަރެން ވެސް ވަރަށް ދެރަވިން.. ސުހާ ރޮއިތަން ބަލާފަ.. އަޔާޒް ދޮންބެ ވެސް އަސްލު ވަރަށް ދެރަވާނެ.. އެކަމު އަހަރެންނަށް ނުފެނޭ ސުހާގެ ބައްޕަގެ ފަރާތުން އެއްވެސް ހިތާމައެއް.. ބަލާބަލަ! މިރޭ ވެސް އޭނަ އެ ދިޔައީ މީޓިން އަކަށް.. ވިޔަފާރި! އެއީ ދެން ބޮޑުވަރު ދޯ؟"
އީމާ ހިތްހަމަ ނުޖެހިފައި އިނދެ ފަހު ޖުމުލަ ބުނެލިއެވެ.
"އޯކޭ އޯކޭ! އީމާ ދެން ހަމަޖެހިލާ! ސުހާގެ ގާތުގައި އަޔާޒް ވެސް އެބަ އުޅެއެއްނު! އަޔާޒް ސުހާ ހަމައަކަށް އަޅުވާނެ.. އެހެންވީމަ އެންމެ ރަނގަޅު ވާނީ އެމީހުންނަށް ވަގުތު ކޮޅެއް ދިނިއްޔާ.."
ވާރިޝް މަޑުމަޑުން އޭނާގެ އަތުން އީމާ ބޮލުގައި ފިރިމާލިއެވެ.
***
"ސުހާ... އައިމް ސޮރީ.."
އަޔާޒް އޭނާގެ ކަނާއަތް ބާއްވައިލީ ސުހާގެ އަތުގެ ތެރޭގައެވެ. ސުހާ އޭރު ވެސް އިސްޖަހައިގެން ރޮމުން ދަނީއެވެ.
"އަހަރެންނަށް އިނގޭ އަހަރެންނަށް ސުހާއާ ދޭތެރޭގައި ކަންތައް ކުރެވެނީ މުޅީން ރަނގަޅަށް ނޫންކަން.. އެކަމު ސުހާ.. އަހަރެން ސުހާއާ އިނީ ހުރިހާ ކަމެއް ރަނގަޅު ކުރަން.. އަހަރެންގެ ހިތުގަ ހަމައެކަނި ސުހާގެ ނަން ނޫން އިތުރު ނަމެއް ނުބާވަން އަޒުމު ކަނޑައަޅައިގެން.. އެކަމު ވެސް އަހަރެން މާފަށް އެދެން.. އަހަރެންގެ މައްސަލަ މީގަ އެބަ އުޅޭ! ކޮންމެ ގޮތެއް ވިޔަސް ސުހާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން.."
އަޔާޒް ބަލަން އިނީ ސުހާގެ މޫނަށެވެ. އިސްދަށަށް ޖަހައިގެން އިން ސުހާ އިސް އުފުލާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އެ މޫނުމަތިން އެއްވެސް ތާޒާ ކަމެއް ނުފެނެއެވެ. މީހާގެ މޫނުމަތި ވަނީ މިލައި މޯޅި ވެފައެވެ.
"އަހަރެން ބޭނުމެއް ނޫން އަޔާޒްގެ އަޅާލުމެއް.. އަހަރެން ބޭނުމެއް ނޫން.. އަހަރެން.."
ސުހާ ކުއްލިއަކަށް އޭނާގެ އަނގަ ބަންދުކޮށްލިއެވެ. ސުހާގެ ދުލު ކުރިއަށް ވާރިޝް ދެކެ ލޯބިވާ ވާހަކަ އައީއެވެ. ނަމަވެސް ސުހާއަށް އޭނާގެ އަމިއްލަ ދޫ މިފަހަރު ކޮންޓުރޯލް ކޮށްލެވުނެވެ.
"އަހަރެން؟ ކިހިނެއްވީ؟ ބުނެބަލަ!"
ސުހާގެ އަތުގައި އަޔާޒް ހިފައިލިއެވެ.
"އަހަރެން އަޔާޒް ދެކެ ލޯތްބެއް ނުވޭ! އަހަރެންނަށް ދުވަހަކު ވެސް އަޔާޒް ދެކެ ލޯތްބެއް ނުވެވޭނެ.. ދުވަހަކު ވެސް ނުވެވޭނެ.. ވާކަށް ބޭނުމެއް ވެސް ނޫން.." ސުހާގެ ދެލޮލުން އޭރުވެސް ކަރުނަ ހުސްނުވެއެވެ.
ދެން ކިޔާލަން ލިބޭނީ ކޮން ދުވަހަކުންބާ! އެއްބައި މަތިން ހަނދާން ނެތޭއިރުވެސް އަނެއްބައި ކިޔާލަން ނުލިބޭ. އެކަމުވެސް ވ ރީތި