ޑަބްލިއުޑީސީތަކަށް މުސާރަ ދޭ އިސްލާހުތަކެއް | އަންނަ ރަމަޟާނުގައި ރޯދަ އިނާޔަތް ލިބޭނެ

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ކުރީ ކޮޅު ޑަބްލިއުޑީސީތަކަށް މުސާރަ ހަމަޖައްސަން ގާނޫނުތައް އިސްލާހުކޮށް ރޯދަ އިނާޔަތް އަންނަ ރަމަޟާނުން ފެށިގެން ދޭން ފަށާނެކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

މިރޭ ދަނގެތީގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ދެމުންދާ އެލަވެންސްއެއްގެ ބަދަލުގައި މުސާރައެއް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް އެކަން އިއުލާނުކުރެއްވީ އެމަނިކުފާނު އދ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިރޭ އދ.ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށްރަށުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކޮމިޓީތަކެއް ނަމަވެސް އެ ކޮމިޓީތަކަށް ގާނޫނުގައި އޮތް ބާގަނޑެއް ބޭނުންކޮށްގެން ހަދަމުންދަނީ ވަރަށް އިހާނެތި ގޮތްތަކެކެވެ. 

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތެއްގައި ގާނޫނުގައި އޮންނަ ނުކުތާއެއް ނަގައިގެން ވަރަށް ނިކަމެތި ގޮތެއްގައި ހަދާފައި އޮންނަ ކޮމިޓީތަކެއް. އެހެންނަމަވެސް އެއީ ރަށުގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް،" ރައީސް ވިދާޅުވި އެވެ. 

އަދި ޑަބްލިއުޑީސީތަކުގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވައުދުފުޅާ އެއްގޮތަށް އެ ކޮމިޓީތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުސާރައެއް ހަމަޖެއްސުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަން އިއުލާނުކުރައްވަމުން ރައީސް ފާހަގަކުރެއްވީ އެކަމަށް ދުވަސްކޮޅެއް ނެގީ ހާއްސަ ބަދަލުތަކެއް ގެންނަންޖެހޭތީ ކަމެވެ. 

މިހާރު ޑަބްލިއުޑީސީ މެންބަރުންނަށް ލިބޭ އެލަވެންސްގެ ބަދަލުގައި މުސާރައެއް ހަމަޖެއްސުމުން ރޯދަ މަހުގެ އިނާޔަތް ލިބުމާއި ވިހެއުމުގެ ޗުއްޓީ ލިބުމާއި، ލިބޭ މުސާރައަށް ބިނާކޮށް ބޭންކުތަކުން ލޯނު ލިބުމާއި އެކި ތަންތަނުން ދޫކުރާ ފެސިލިޓީތައް ހަމަޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

އެ ބަދަލު ގެނައުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށާއި ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިސްލާހުތައް ގެނެވުމުން އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަމުގެ އިނާޔަތް ލިބޭނެ ކަމަށެވެ. 

"މި އިސްލާހުތައް ހުށަހަޅައިދޭނަން ފެބްރުއަރީ މަހުގެ ކުރީކޮޅު. އެއާއެކު، އެ އިސްލާހުތައް ގެނެސް މި އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ރޯދަމަހުގެ އިނާޔަތް ޑަބްލިއުޑީސީ މެންބަރުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.