ހައުސިްނ މިނިސްޓްރީގެ އިމާރާތް ހުރި ބިން ސާފުކުރަން ފަށައިފި

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަލާކުވެ ސުންނާފަތިވި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައި މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދު މާދަން ހުޅުވައިލެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޯވި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އެކްސް

ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލުވި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އައި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

އަލިފާން ރޯވި އިމާރާތް ސާފުކުރުމުގެ މަސައްކަތްކުރަނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްއިން އެވެ. މި އިމާރާތަކީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޜްރީގެ އިތުރަށް އެންވަޔަރަމެންޓު މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލުގެ ތިން ސެކްޝަނެއް ހިންގަމުން އައި އިމާރާތެކެވެ. 

ބުރާސްފަތިދުވަހު ހެނދުނު 6:30 ހާއިރު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ހަތަރު ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ. އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނުއިރު، ޓިނާއި ލަކުނޑިން ހަދާފައި ހުރި އިމާރާތް ހުރީ އިތުރަށް ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ. 

އެ މިނިސްޓްރީތަކުގެ މަސައްކަތް ވަގުތީ ގޮތުން ހިންގުމަށް ދަރުބާރުގޭގައި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާއެކު ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ. އަދި އާދީއްތަދުވަހު ބައެއް މިނިސްޓްރީތަކުގެ ހިދުމަތް އެ ތަނުގައި ދޭން ފަށާނެކަމަށް ސަރުކާރުން ބުނެ އެވެ. 

އެނދި އިމާރާތް ހުރި ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފަ އެވެ. ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އެތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މާދަމާ އެ ސަރަހައްދު ހުޅުވައިލެވޭނެ ކަމުގައި ލަފާކުރެއްވޭ ކަމަށެވެ. 

ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާއާއި ލިޔެކިޔުންތައް އަނދައި އަޅިއަށްވެފައިވާކަން މިނިސްޓަރު ޑރ.އަލީ ހައިދަރު ހާމަކުރައްވާފައިވެ އެވެ. ނަމަވެސް ކްލައުޑުގައި ރައްކާކޮށްފައި ހުރި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ލިޔެކިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެއްވެސް މީހަކަށް މި އަލިިފާނުގެ ހާދިސާގައި އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ހޯދިފައިނުވެ އެވެ. އެ ހާދިސާގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.