އިތުރު ޓެކްސީ ޑްރައިވަރެއް ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކޮށްފި

މުޒާހަރާއާއި ގުޅިގެން 4 މީހަކު ހައްޔަރުކުރިއިރު 22 އުޅަނދެއް ޓޯކޮށްފައިވޭ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވޭ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކުރި ޓެކްސީ ޑްރައިވަރު މިސްބާހު ޝަރީފު، ފޮޓޯ: އަދަދު

ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން ފެށުމަށް ކުރަމުންދާ މަސައްކަތާދެކޮޅަށް ހުޅުމާލޭގައިކުރި މުޒާހަރާއާއި ގުޅިގެން ޑްރައިވާސް އެސީސިއޭޝަންގެ އޮގަނައިޒިންގ ސެކްރެޓަރީ، މއ ނަހީދީ މަންޒިލް، މިސްބާހް ޝަރީފް (31 އ) ހައްޔަރުކޮށްފިއެވެ. 

މިމަހުގެ 11 ވަނަ ދުވަހު ބޭއްވުނު މިމުޒާހަރާ އެދުވަހު ހަވީރު ފެށިއިރު، ނިންމާލާފައިވަނީ އެރޭ ދަންވަރެވެ. 

ރޭ ކޯޓު އަމުރެއްގެ ދަށުން މިސްބާހު ހައްޔަރުކޮށްފައިވަނީ ރޭ މުޒާހަރާކުރާނެކަން ޓެކްސީ ޑްރައިވަރުން އިއުލާނުކޮށްފަައިވަނިކޮށެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން އޭނާވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. 

ކޯޓުގައި ފުލުހުން ބުނެފައިވަނީ މިސްބާހު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމުގެ އިތުރަށް ފުލުހުންވަނީ އޭނާގެ ފޯނުވެސް ހިފަހައްޓާފަ އެވެ. 

މުޒާހަރާ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ދެމީހުންގެ ބަންދަށް ކޯޓުންވަނީ ފަސްދުވަސް ދީފައެވެ. އަދި ޝަރުތުތަކަކާއެކީ ތިންވަނަ މީހާވަނީ ދޫކޮށްލާފައެވެ. އަދި ޖުމްލަ 22 އުޅަނދެއް، މުޒާހަރާ ތެރެއިން ޓޯކޮށްފައިވެއެވެ.

މިހަތަރު ޑްރައިވަރުންވެސް ހައްޔަރުކޮށްފައިވަނީ އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބަންދުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ. 

މުޒާހަރާތެރެއިން ޑްރައިވަރުންވަނީ އެއްގަމު ދަތުރުފަތުރާއިބެހޭ ވަޒީރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާ، ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން ފަށައިފިނަމަ އެމީހުންގެ އާމްދަނީ ބަންދުވެ އެތައް އާއިލާއެއް ހާލުގައިޖެހޭޏެކަމަށް ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.