މިރޭ މެންދަމުން ފަށައިގެން ވޭޕް ބޭނުންކުރުން މަނާވާނެ

އޭގެ އިތުރަށް މިރޭ 12:00 އިން ފެށިގެން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރެވެ.

ވޭޕް

ދުންފަތާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު މިރޭ މެންދަމު 12:00 އިން ފެށިގެން ވޭޕުގެ ބާވަތްތައް ބޭނުންކުރުން ރާއްޖޭގައި މަނާވާނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ދުންފަތާ ބެހޭ ގާނޫނާއި އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރަންވަނީ ފަށާފަ އެވެ. އެ ގާނޫނުގެ ދަށުން 15 ޑިސެންބަރުން ފެށިގެން ވޭޕު ބޭނުންކުރުން މަނާވާނެ އެވެ. 

ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުންވެސް މާދަމައިން ފެށިގެން މަނާވާނެ އެވެ. އަދި އެއިން ކަމެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

އެގޮތުން ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕުކުރުމަށް ބޭނުންކުރާ އާލަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕުކުރަން ބޭނުންކުރާ އެއްޗެއް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެއިން އެއްޗެއް ހިލޭ ކުޑަކުއްޖަކަށް ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. 

އޭގެ އިތުރަށް މިރޭ 12:00 އިން ފެށިގެން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރެވެ. 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން އެ ވަގުތުން ފެށިގެން ރާއްޖޭގައި މަނާވާނެ އެވެ. 

ދުންފަތް ކޮންޓުރޯލުކުރުމުގެ ގާނޫނަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލީހުން ފާސްކޮށް 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގައި އަމަލުކުރަން ފެށި ގާނޫނެކެވެ. މި ސަރުކާރުން ހުށަހަޅައިގެން 20 ވަނަ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނަށް އަމަލުކުރަން ފެށިފަހުން 14 އަހަރު ތެރޭ ފުރަތަމަަ ފަހަރަށް ގެނައި އިސްލާހެވެ. 

ވޭޕު އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުމާއި ބޭނުންކުރުން މަނާކުރުމާއެކު ސަރުކާރުންވަނީ ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިން 110 ރުފިޔާއަށް ވިއްކި ސިނގިރޭޓު ފޮއްޓެއް މިހާރު ވިއްކަނީ 230 ރުފިޔާއަށްވުރެ އަގު ބޮޑުކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.