އާސަންދައިން ނާޖާއިޒު ފައިދާ | އެންމެ އިންޖެކްޝަނަކަށް ހަތް އަހަރުން 70 މިލިއަން

ލުސެންޓިސް އިންޖެކްޝަން ޖަހާ ކޮންމެ ފަހަރު މީހަކަށް އާސަންދައިން 23،400ރ. ހަރަދުކުރެ އެވެ. މި އިންޖެކްޝަން ޖަހަނީ ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓުން ބަލާނަމަ 15،000ރ. އަށްވުރެ ބޮޑު އަގެއްގަ އެވެ.

މި އިންޖެކްޝަން ޖަހަން މީހަކަށް އެވްރެޖުކޮށް ބައި ލައްކަ ހަރަދުވޭ

އާސަންދަ އިން މީހަކަށް 23،400 ރުފިޔާ އަށްވުރެ ބޮޑު އަގެއްގައި ޖަހާ ލުސެންޓިސް އިންޖެކްޝަން ޖަހަން ހަތް އަހަރުތެރޭ 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ. 

އާސަންދަ އިން ލިބިފައިވާ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުން “Lucentis Injection” ލުސެންޓިސް އިންޖެކްޝަން ޖަހަން ފަށާފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއްގެ ފަރުވާ އަށް ރާއްޖޭން ޖަހަމުންދާ މި އިންޖެކްޝަން ޖަހާ 779 މީހުން ތިބި ކަމަށް ދައްކަ އެވެ. 

ހަތް އަހަރު އިންޖެކްޝަނަށް ކުރި ހަރަދު

  • 1.2018 ވަނަ އަހަރު - 968,756
  • 2.2019 ވަނަ އަހަރު - 6.4 މިލިއަން
  • 3.2020 ވަނަ އަހަރު - 6.2 މިލިއަން
  • 4.2021 ވަނަ އަހަރު - 8.7 މިލިއަން
  • 5.2022 ވަނަ އަހަރު - 12 މިލިއަން
  • 6.2023 ވަނަ އަހަރު - 18 މިލިއަން
  • 7.2024 ނޮވެމްބަރު - 16.5 މިލިއަން

މި އިންޖެކްޝަން ޖަހަން ފަށާފައިވަނީ 2018 ވަނަ އަހަރު މި އިންޖެކްޝަން ޖަހަން ފެށިއިރު ތިބީ 32 މީހުންނެވެ. ނަމަވެސް މިހާރު މި އިންޖެކްޝަން ޖަހާ މީހުންގެ އަދަދު ވަނީ 297 އަށްވުރެ އިތުރުވެފަ އެވެ. އަހަރުން އަހަރަށް އިންޖެކްޝަން ޖަހާ މީހުންގެ އަދަދު އިތުރުވިއިރު މިއީ މާކުރީގެ އިންޖެކްޝަނެކެވެ. މި އިންޖެކްޝަން ޖަހާ ބައްޔަށް ދޭ އެންމެފަހުގެ އިންޖެކްޝަން ރާއްޖެއަށް އަދިވެސް ނުލިބެ އެވެ. 

އިންޖެކްޝަން ޖަހާ މީހުންގެ އަދަދު އިތުރުވި މިންވަރު

  • 2018 - 32 މީހުން
  • 2019 - 124 މީހުން
  • 2020 - 134 މީހުން
  • 2021 - 166 މީހުން
  • 2022 - 210 މީހުން
  • 2023 - 268 މީހުން
  • 2024 - 297 މީހުން

މި މައުލޫމާތުކުން އެނގޭ ގޮތުން މިދިޔަ އަހަރު މި އިންޖެކްޝަން ޖަހަން މީހަކަށް އާސަންދައިން އެވްރެޖުކޮށް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ވަނީކޮށްފަ އެވެ. ހަތް އަހަރު ދުވަހަށް ބަލާއިރު މީހަކަށް 800،000ރ. އަށްވުރެ ބޮޑު އަދަދެއް ވަނީ އެންމެ އިންޖެކްޝަނެއް ޖަހަން ހަރަދުކޮށްފަ އެވެ. 

އިންޖެކްޝަން ޖަހާ މީހުން އިތުރު، ގިނައީ ދުވަސްވީ މީހުން

ލުސެންޓިސް އިންޖެކްޝަން އެންމެ ގިނައިން ޖަހަނީ 69-60 އަހަރާއި ދެމެދުގެ މީހުންނަށެވެ. މި އިންޖެކްޝަން 271 މީހެއްގެ ލޮލަށް ޖަހާފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މި އިންޖެކްޝަން ޖަހާފައިވަނީ 79-70 އަހަރާ ދެމެދުގެ މީހުންގެ ލޮލަަށެވެ. މި އުމުރުގެ 167 މީހެއްގެ ލޮލަށް ވަނީ އިންޖެކްޝަން ޖަހަން އާސަންދަ އިން ހަރަދުކޮށްފަ އެވެ.  ތިންވަނަ އަށް އެންމެ ގިނައިން މި އިންޖެކްޝަން ޖަހަނީ 59-50 އަހަރުގެ މީހުންނަށެވެ. މި އުމުރުގެފުރާނެ 166 މީހަކަށް މި އިންޖެކްޝަންއިން ފަރުވާދީފައިވެ އެވެ. އަދި 49-40 އަހަރާ ދެމެދުގެ 79 މީހެއްގެ ލޮލަށް މި އިންޖެކްޝަން ޖަހާއިރު 39-40 އަހަރުގެ 41 މީހަކު ދަނީ މި އިންޖެކްޝަން ޖަހައިގެން ފަރުވާ ހޯދަމުންނެވެ. އަދި 29-20 އަހަރާ ދެމެދުގެ 15 ޒުވާނަކުވެސް މި އިޖެކްޝަން ޖަހައިގެން ދަނީ ދަރުވާ ހޯދަމުންނެވެ. 

މީގެ އިތުރުން އާސަންދައިގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 10 އަހަރުން ދަށުގެ 17 ކުއްޖަކަށް ވެސް މި އިންޖެކްޝަން ޖަހަން އާސަންދައިން ދަނީ އެހީތެރިވަމުންނެވެ. 

އާސަންދައިން ނާޖާއިޒު ފައިދާ ނެގުމުގެ ކުޑަ މިސާލެއް

މިރާ އަށް އެނގިފައިވާ ގޮތުގައި މި އިންޖެކްޝަން ޖަހަނީ ރާއްޖޭގެ އެންމެ ތަނަކުންނެވެ. އެއީ ހަމައެކަނި އައިކެއާ އޮޕްޓިކަލް އިންނެވެ. 

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

އަގު ބޮޑުކޮށް ޖަހާ މި އިންޖެކްޝަންގެ މައްސަލަ ތަކެއް ވަނީ ފެންމަތިވެފަ އެވެ. ސަރުކާރުން އާސަންދަ ރިފޯމް ޕްރޮގްރާމް ފެށުމާއެކު ހާމަވެގެން ދިޔަ މި މައްސަލާގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި މި އިންޖެކްޝަނަކީ އާސަންދަ އިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުޞޫލުތަކުން ބޭރުން ކަންކުރުމުގެ ލާމަސީލު މިސާލެއްކެވެ.

ހީނާ ވިދާޅުވީ އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ “Lucentis Injection” ގެ އަގު ޗެކްކުރުމުގެ ގޮތުން ލޮލުގެ ފަރުވާގެ ޚިދުމަތް ދޭ މި ފަރާތުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، ފޮނުވި އިންވޮއިސްތަކުން މި ބޭސް އެ ފަރާތަށް ގަންނަން ލިބޭ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް އާސަންދައަށް ބިލްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން 500 ޑޮލަރަށް ލިބޭ މި ބޭސް ގެނެސް 23000 ރުފިޔާ އަށް އާސަންދަ އަށް ބިލް ކުރަމުން ދާ ކަމަށެވެ. މިއީ 18ރ. އަށް ޑޮލަރުގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 ފައިދާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ބޭސް އެތެރެކުރަން ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުން. ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސްއެތެރެކޮށްފައި ނުވޭ. ލޮލުގެ ފަރުވާގެ ހިދުމަތްދޭ މި ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް ޕްރިސްކްރިޕްޝަން އަށް. އެކަމަކު ސްކީމްގެ ތެރެއިން މިއިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ މި ފަރާތުން،" ހީނާ ވިދާޅުވި އެވެ.

ގިނަ ބައެއްގެ ލޮލަށް ޖަހާ ލުސެންޓިސް އިންޖެކްޝަން ބައެއް މީހުން މަހަކު ދެ ފަހަރު ޖަހަ އެވެ. މިއީ މިހާރު އާސަންދަ އަށް ބިލް ކުރާ އަގުންނަމަ ގާތްގަނޑަކަށް މީހަކަށް 50،000ރ. ގެ އަގެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.