އެމްއޭސީއެލްގެ އެމްޑީ މަަގާމުން ދުރަށްލާންޖެހޭ: ޔާމީން

އެމްއޭސީއެލަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އަލިއަޅުއްވަައިލައްވައި ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ އެ ކުންފުނީގެ އެމްޑީ މަގާމުން ދުރުވެވަޑައިގަންނަވަންޖެހޭ ކަމަށާއި ނުވަތަ ދުރުކުރަންޖެހޭ ކަމަަށެވެ.

ރައީސް ޔާމީން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ -- ދަ މިރާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ މެދު ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދު މަގާމުން ދުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ރޭ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުން ކުންފުނިތަކުން އުފައްދަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ އެ ހިދުމަތެއްގެ ބޮޑުކަމާއި ބުރަކަމުން އާންމު ވިޔަފާރިތަކަށް އެ ހިދުމަތެއް ފޯރުކޮށްދޭން އުދަގޫވާ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. 

ޔާމީން ފާހަގަކުރެއްވި ގޮތުގައި އެމްއޭސީއެލުން ފޯރުކޮށްދޭ ހިދުމަތަކީ އާންމު ވިޔަފާރިއަކަށް ފޯރުކޮށްދެވޭ ވަރަށްވުރެ ބޮޑު ހިދުމަތަކަށްވާތީ އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަަތް ފަދަ އެތައް ކަމަކަށް ނޭދެވޭ އަސަރެއް ނުފޯރާނެކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއަކީ ސަރުކާރުން ހިންގަަންޖެހޭ ކުންފުންޏެކެވެ. 

ސަރުކާރުން ކުންފުނިތައް ހިންގުމުގެ ދެވަނަ ބޭނުމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް އާމްދަނީ ހޯދުމެވެ. 

"[ދައުލަތުން ކުންފުނި ހިންގުމުގެ] އެއް ބޭނުމަކީ ރައްޔިތުންނަށް ނުވަތަ ގައުމަށް ބޭނުންވާ ބޮޑެތި ހިދުމަތްތައް، އެއީ ޕްރައިވެޓް އެންޓަޕްރައިޒްއިން ގިނަ ބަޔަކު ބައިވެރިވެގެން ނުކުރެވޭ ވަރުގެ ކަންކަން ކުރުން. ދެވަނަ ބޭނުމަކީ، ހަމައެހާ މުހިއްމު ބޭނުމެއް، މި ކުންފުނިތައް އެފިޝިއެންޓުކޮށް ހިންގާފައި ދައުލަތުގެ އެހެން މަސައްކަތްކުރަން ޑިވިޑެންޑު ދެއްކުން. އެއީ ސަރުކާރުން ރައްޔިތުން [އަތުން] ޓެކްސް ނެގުން ވީހާ ކުޑަކުރުން،" ޔާމީނު ވިދާޅުވި އެވެ.  

އެމްއޭސީއެލްއާއި އެސްޓީއޯއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ ދެ ކުންފުނިކަން ފާހަގަކުރައްވައި ޔާމީނު ވިދާޅުވީ އެ ދެ ކުންފުނީގެ އެންމެ މައިގަނޑު މަގުސަދަކަށްވާންވާނީ އެކަށީގެންވާ މިންވަރުގެ ޑިވިޑެންޑެއް ދައުލަތަށް ދެއްކުން ކަމަށެވެ. 

ސޯޝަލް މީޑިޔާގައި އެމްއޭސީއެލްއަށް ކުރެވޭ ބައެއް ތުހުމަތުތައް ޔާމީނު ރޭ ތަކުރާރުކުރެއްވި އެވެ. އޭގެ ތެރޭގައި އެމްއޭސީއެލްއަށް 70 އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ލެޕްޓޮޕުތަކެއް ހޯދަން އުޅުމާއި ބާ ޓާމިނަލުގެ ބޭރުގައި އޭސީތަކެއް ހަރުކުރުމާއި އެއާޕޯޓުގެ ކުނި ނެގުން ބޮޑު އަގުގައި އަމިއްލަ ފަރާތަކާ ހަވާލުކުރުން ފަދަ ތުހުމަތުތައް ހިމެނެ އެވެ. 

ޔާމީން ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން ކުރަމުންދާ ހަރަދުތަކަކީ ކުރަންޖެހޭ ހަރަދުތަކެއް ނޫނެވެ. އަދި އެ ފައިސާއަކީ އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށްވެސް ޔާމީނު ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ގުޑް ގަވަނެންސްގެ އުސޫލަކީ މިހާރު އެމްޑީގެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން ދުރަށް ވަޑައިގަތުން ނުވަތަ ސަރުކާރުން އެ ބޭފުޅާ މަގާމުން ވަކިކުރުން ކަމަށެވެ. 

"ގުޑް ގަވަނެންސްގެ އުސޫލަކީ މިހާރު އެމްއޭސީއެލްގެ އެމްޑީއަކަށް މިހުންނެވި ބޭފުޅާ އެބަޖެހޭ މަގާމުން ދުރަށްދާން ނޫނީ މަގާމުން ދުރަށްލާންޖެހޭ،" ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.